Showing posts with label ނިފާސް. Show all posts
Showing posts with label ނިފާސް. Show all posts

12.19.2012

ދެޖިންސަށްވެސް އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް ޙައްޤުތަކެއް ވެއެވެ.

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު

ދެޖިންސު މުޖުތަމަޢުގައި އަދާކުރާ ތަފާތު ދެރޯލުގެ ސަބަބުން ދެޖިންސު ވަކި ޙައްޤުގެ ގޮތުން ތަފާތެއް ނުވެއެވެ. ސަބަބަކީ އެއްވެސް ޖިންސަކަށް ހުރިހާ ވާޖިބުތަކާއި ޙައްޤުތައް ލިބުމުގައި ތަފާތު ކުރުމެއް ނުވާތީއެވެ. މިކަމާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ :

އިތުރަށް ވިދާޅުވޭ...

8.17.2011

ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ ރަމަޟާން މަސް ލިބިގަންނާނީ ކިހިނެތް؟

އަލްއުޚްތު އަފްޒާލް
ދަރުމަ އާއި މަޣްފިރަތުގެ މިމައްސަރުގައި، ނަމާދުކުުމާއި ޤުރުއާން ކިޔެވުން، އަދި ރޯދަހިފުމަށް ނުކުޅެދިގެންވާ ޙާލު މުސްލިމު އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ޙައިޟާއި ނިފާސްގެ މުއްދަތު ތަޙައްމަލްކުރަންޖެހެއެވެ. މިގޮތުން އެހެން މުސްލިމް އަޚުންނާއި އުޚްތުން ތަރާވީޙް ނަމާދުކުރުމާއި އިޢްތިކާފާއި ޤުރުއާންކިޔެވުމުގައި ވަޤުތުތައް ގުނަމުންދާ މަންޒަރު ބެލުމަކީ މިފަދަ ޙާލަތެއްގައި އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ވެގެން ނުދާނެއެވެ. ނަމަވެސް އަންހެނާ ތަޙައްމަލްކުރަން ޖެހޭ މިފަދަ ދުވަސްތަކަކީ، ހަމައެކަނި ﷲސުބަޙާނަހޫ ވަތަޢާގެ ޤުދުރަތްތެރިކަމުގެ ތެރެއިން، އެކަލާނގެ އަންހެނާގެ ރައްކާތެރިކަމާއި ޢާފިޔަތަށްޓަކައި ލައްވަވާފައިވާ ދުވަސްތަކެއްކަމާއި މެދަކު ޝައްކެއްނެތެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި އިންސާނިއްޔަތަށް އަންގަވައިދެއްވާފައިވަނީ، އެކަލާނގެ އިންސާނާ ހައްދަވާފައިވަނީ އެންމެ ރިވެތި ޞޫރައިގައި ކަމުގައެވެ.(ސޫރަތުއް ތީން:4)
ޢާއިޝާ ރަޟިއަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. " ޙައްޖުގެ އަޅުކަން އަދާކުރައްވަނިކޮށް ތިމަންކަމަނާގެ ޙައިޟާއި ކުރިމަތިލަންވަން ޖެހިވަޑައިގަތެވެ. އެހިނދު ތިމަންކަމަނާ ކީރިތިކުރަށްވަން ފެއްޓެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަމަނާއަށް ވިދާޅުވިއެވެ. "ކަމަނާ އަށް ކިހިނެއްވީތޯއެވެ؟ ކަމަނާގެ ޙައިޟު ފެށުނީތޯއެވެ؟" ތިމަންކަމަނާ ދެންނެވީމެވެ. "އާދޭހެވެ." އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ." މިއީ ކީރިތިﷲ އާދަމްގެފާނުގެ އަންހެން ދަރިންނަށް ކުރައްވާފައިވާ ތަޤްދީރެވެ."(އަލް ޙާކިމް)

އެންމެ ފުރިހަމަ ތަބީޢަތުގައި އިންސާނާ ހެއްދެވި ޚާލިޤުވަންތަ އިލާހު ފިޔަވާ، އޭނާއަށް އެންމެ މޮޅު އިތުރުވެގެންވީ ގޮތް ދެެނެވޮޑިގެންވާނޭ އެހެން ފަރާތެއް ނުވާނެކަމީ ޝައްކެއްހުރިކަމެއް ނޫނެއެވެ. އެހެންކަމުން އެތައް ޙިކުމަތްތަކަކަށްޓަކައި އެކަލާނގެ އަންހެނުންގެ ފިތުރަތުގައި ލައްވާފައިވާ މިފަދަ ސިފަތަކާއި މެދު ހިތްހަމަނުޖެހުމުގެ ބަދަލުގައި، ޤަޟާ ޤަދަރަށް އީމާންވުމާއި އެކު އެކަލާނގެ އާއި ކުއްތަންވުމުގެ ކުޅަދާނަކަން ލިބިގެންވީ އެންމެ ފުރިހަމަ މިންވަރަކަށް ކުއްތައްވުމަށް ސަމާލުވާންޖެހެއެވެ.

އުންމުލް މުއުމިނީން މައިމޫނާ ރަޟިއަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. " ތިމަންކަމަނާގެ ޙައިޟުގެ މުއްދަތުގެ ތެރޭގައި ނަމާދެއް ނުކުރައްވަމެވެ. ނަމަވެސް މަސްޖިދުއް ނަބަވީގެ ކައިރީގައި ކުނަލެއް އަޅުއްވައިގެން އޭގެމަތީގައި އިންވަމުއެވެ."(ބުޚާރީ)

ޙައިޟާއި ނިފާސްގެ ދުވަސްވަރުގައި ﷲތަޢާލާ އާއި ކުއްތަންވުމުގައި މުސްލިމު އުޚްތުންނަން ތަބާވެވިދާނޭ ބައެއް އުސޫލުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

• ބަންގީގެ ވަޤުތުގައި، މުއައްޛިންގެ އަޑުދަށުން ބަންގީގެ ކަލިމަތަށް ތަކުރާރުކުރާށެވެ!

• ބަންގި ގޮވާ ނިމުމުން ބަންގީގެ ދުޢާ ކިޔާށެވެ!

• ބަންގީގެ ފަހުގައި، ޤަމަތްދިނުމާއި ދެމެދުގައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އެވަޤުތުގައި ކުރެވޭ ދުޢާ އިޖާބަކުރައްވާކަމުގައި ވާރިދުވެގެންވެއެވެ.

• ހެނދުނު ނިދާ ހޭލުމާއި އެކު، ހެނދުނުގެ ވަޤުތުގައި ކިއުމަށް ވާރިދުވެގެންވާ ދުޢާތައް ކިއުމަކީ ކޮންމެ ދުވަހެއްގެ އާދައެއްކަމުގައި ހަދާށެވެ!

• ހަވީރުގެ ވަޤުތުގައި ކިއުމަށް މޮޅު އިތުރުވެގެންވާ ދުޢާތައް އިރުއޮއްސުމުގެ ކުރިން ކިއުމަށް ސަމާލުކަންދޭށެވެ!

• ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤް އަދި ސޫރަތުއް ނާސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު 3ފަހަރު ކިޔާލާށެވެ!

• ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިއުމުގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑި އިރު ހޭދަކުރާށެވެ!

• ދީނީ ދަރުސެއް އަޑުއެހުމަށްޓަކައި، ނުވަތަ ދީނީ ފޮތެއް ކިޔާލުމަށްޓަކައި ދުވާލުގެ ކޮންމެވެސް އެއް ވަޤުތެއް ޚާއްޞަކުރާށެވެ!

• ﷲގެ ނަންފުޅުތައް(އަސްމާއުލް ޙުސްނާ) ގިނަގިނައިން ކިޔާށެވެ!

• ﷲއަށް ޛިކްރުކުރުމުގައި އަބަދު ވެސް ދޫ ތެތްކަންމަތީގައި ބަހައްޓާށެވެ!

• ތަނަވަސްކަން ތަންދިން މިންވަރަކުން ރޯދަވީއްލުމަށް މެހެމާނުންނަށް ދަޢުވަތުދޭށެވެ!

• ތަރާވީޙު ނަމާދުގެ ވަޤުތުގައި ކީރިތި ޤުރުއާން އަޑުއެހުމުގައި ހޭދަކުރާށެވެ! މާތްﷲ އިރާދަކުރެއްވިއްޔާ ތަރާވީޙުގައި ބައިވެރިވީ މީހަކާއި އެއްވަރަށް އަޖްރުދެއްވާނެއެވެ.

• ނިދަން އޮށޯތުމަށްފަހު ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤި އަދި ސޫރަތުއް ނާސް ކިޔެވުމަށްފަހު، ދެއަތްތިލަ ޖޯޑުކޮށްލާ ދެއަތްތިލައަށް ފުމެލާށެވެ! އަދި ބޮލާއި މޫނުން ފެށިގެން މުޅި ހަށިގަނޑުގައި ތިން ފަހަރު އަތް އުނގުޅާލާށެވެ.(ބުޚާރީ)

• ނިދުމުގެ ކުރިން އާޔަތުލް ކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުމަށްފަހު ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔާށެވެ.(ބުޚާރީ)

• ރޭގަނޑުގެ އެންމެ ފަހު ދަމުގައި ތެދުވެ އެކަހެރިވެ އިސްތިޣްފާރުކޮށް، ޙާޖާތްތައް ފުއްދަވައިދެއްވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާދަންނަވާށެވެ! އެވަގުތަކީ އަޑުއައްސަވާ އިލާހު އަޅުތަކުންގެ ދުޢާތައް އިޖާބަކުރައްވާ، ފާފަފުއްސަވާ، ބޭނުންތައް ފުއްދަވާނޭކަމަށް ވަޢުދުވެވޮޑިގެންވާ ވަޤުތެވެ. (އަލް ބުޚާރީ އަދި މުސްލިމް)

• އިންޓަރނެޓާއި އެނޫން ވެސް ވަޞީލަތްތައް ބޭނުންކޮށްގެން އިސްލާމްދީނުގެ ދަޢުވަތު ފެތުރުމުގައި މިދުވަސްތައް މަޝްޣޫލުކުރާށެވެ!

• ގާތްތިމާގެ މީހުންނާއި، އަވައްޓެރިންނާއި، ރަޙްމަތްތެރިންނާއި ބަލިމީހުންނަށް ޒިޔާރަތްކޮށް ސަލާމްކުރުމާއި ހެޔޮދުޢާކުރުމާއި އެހީތެރިވުން ގިނަކުރާށެވެ!

• ޞަދަޤާތްކުރުން ގިނަކުރާށެވެ!

މިރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފްސުތަކަށްވާ ޠާހިރުކަމެއްކަމުގައި ލައްވާށިއެވެ! އަދި އަޅުގަނޑުމެންގެ ފާފަތަކުންވާ ރައްކާތެރިކަމެއްކަމުގައި ލަހައްޓަވާށިއެވެ! އަޅުގަނޑުމެންގެ ހިތްތަކާއި ﷲސުބަޙާނަހޫ ވަތަޢާލާ އާއި ދެމެދުގައިވާ ގުޅުން ދުނިޔޭގައިވާ ހުރިހާއެއްޗަކަށްވުރެ ބާރުގަދަކުރައްވުމާއި އެކު، އެކަލާނގެ ޙަޟުރަތަށް މިކުރާ ދަތުރުގައި ސީދާ މަގުގައި ޡާބިތުކުރައްވާށިއެވެ! އާމީން!


އިތުރަށް ވިދާޅުވޭ...

3.07.2011

ދަރިފުޅު މަރާލީ ހެއްޔެވެ؟

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ކައިވެނީގެ ބޭރުން ބަލިވެއިންނަ ބައެއް މީހުން އެބައިމީހުންގެ މައްޗަށް އަތުވެދާނެ ޒިނޭގެ ޙުކުމުން ސަލާމަތްވުމަށްޓަކައި އެބޯޝަން ޚިޔާރުކުރެއެވެ. ތިމާކުރި ފާފައަށް ތައުބާވުމުގެ ބަދަލުގައި އިތުރު ފާފައެއް ބޮލުގައި އަޅައެވެ. ދުނިޔޭގެ ލަދަށެވެ. ޒިނޭއަކީ ޙަރާމްކަމެކެވެ. އިންސާނަކު ޤަޞްދުގައި މެރުމަކީވެސް ޙަރާމްކަމެކެވެ.

ދަރިފުޅު އުފަންވުމުގެ ކުރިން ނައްތާލާނެ ގޮތްތައް އިންސާނުން ވަނީ މާކުރިއްސުރެ ހޯދާފައެވެ. އަދި ހަމަ އެއިރުއްސުރެ އިންސާނުންގެ ތެރެއިން ގިނަބަޔަކު އަންނަނީ އެބައިމީހުންގެ ދަރީން އުފަންނުވަނީސް ނައްތާލަމުންނެވެ. އެބޯޝަންގެ ނަމުން ނަންދެވުނަސް މިއީވެސް ހަމަ ޤަސްދުގައި އިންސާނަކު މަރާލުމެވެ. އަދި މިކަމާ ނުރުހުން ފާޅުކުރަނީ ހަމައެކަނީ މުސްލިމުންނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެކި ދީނުގެ، އެކި ނަސްލުގެ އެތައްބައެއް އަންނަނީ އެބޯޝަންއާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެބޯޝަންއަކީ އެންމެ ރަނގަޅުކަމެއްކަމަށް ބުނާމީހުން ބުނާގޮތުގައި ދަރިން ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޙައްޤު އަންހެނާއަށް ލިބިގެންވާނެއެވެ. ސުވާލަކީ، ދަރިން ބޭނުން ނޫންނަމަ އެކަން އެގޮތަށް ނިންމުމުގެ ޙައްޤު އޮންނާނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އެޙައްޤު ނިމިދާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ އަންހެނަކު ބަލިވެ އިންކަން އެނގޭއިރު ބަނޑުގައި ވާނީ ދަރިއެކެވެ. ބިހަކާއި ދަރިފަންޏެއް ނޫނެވެ. ދިރޭ ފުރާނައެއް ނައްތާލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިފައި ވޭހެއްޔެވެ؟ ދަރިން ބޭނުން ނޫންނަމަ ބަލިވެ އިނުމުގެ ކުރިން ކުރެވިދާނެ އެތައް ކަންތައްތަކެއް ވެއެވެ. ނަމަވެސް ބަލިވެ އިނުމަށްފަހު ދަރިފުޅު ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޙައްޤު މައިމީހާއަކަށް ނޯވެއެވެ.
وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا (النساء 93)
މާނައީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."

ބައެއް ޤައުމުތަކުގައި އެބޯޝަން ހުއްދަކުރެވުނީއްސުރެ މިހާތަނަށް، ހަމައެކަނި އެމެރިކާގައިވެސް 30 މިލިޔަން ކުދިން އުފަންނުވަނީސް މަރާލެވިފައިވެއެވެ. 1970 އިން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުން 1.7 ބިލިޔަން ދަރިން މިފަދައިން ނައްތާލެވިފައިވެއެވެ. ހިތާމައަކީ މިފަދަކަމެއް ކުރާ ބަޔަކަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ރޭކާނުލާކަމެވެ. އެބޯޝަން ހަދަނީ ކިހިނެއް ހެއްޔެވެ؟

އެންމެ ގިނައިން އެބޯޝަނަށް ބޭނުންކުރަނީ ސަކްޝަން މެތަޑެވެ. އެއީ ކުއްޖާ ބަނޑުގައި އޮންނަ ފުރަތަމަ ތިންމަހުގެ ތެރޭގައި ނައްތާލާނަމައެވެ. ބާރު ޕްރެޝަރުގައި އެތެރެއަށް ވައިދަމާ އާލާތަކާ ގުޅާފައިވާ ހޮޅިއެއް އަންހެނާގެ ރަޙިމަށް ވައްދާ އޭގެ ވަރުގަދަ ދަމާ ބާރުން ކުއްޖާ ކުދިކުދި ކޮށްލާ ނެރެނީއެވެ. ދެވަނަ ގޮތަކީވެސް ފުރަތަމަ ތިންމަހުގައި ކުއްޖާ ނައްތާލުމަށް ބޭނުންކުރާ ގޮތެކެވެ. މީގައި ވަޅިއެއް ބޭނުންކޮށްގެން ދަރިއާއި މައިމީހާއާ ގުޅިފައިވާ ހިސާބުން ވަކިކޮށްލަނީއެވެ. އަދި ކުއްޖާގެ ހަށިގަނޑު ކުދިކޮށް ކޮށާ ބޮލުގެ ނާށިގަނޑު ފިސްކޮށްލާ ނެރެނީއެވެ. ތިންވަނަ ގޮތަކީ ތިންމަހާއި ފަސްމަހާ ދެމެދުގައި ކުއްޖާ ނައްތާލާގޮތެވެ. އެއީ ގިނިފައްޗެއް ފާޑަށް ހުންނަ އެއްޗެއް ރަޙިމަށް ވައްދާ ކުއްޖާގެ ގުނަވަންތައް ވަކިކޮށް، މައިމީހާގެ ހަށިގަނޑުން ނެރުމެވެ. އަދިވެސް އިތުރު ގޮތްތައް ވެއެވެ. ހަމަ މިފަދަ ރަޙްމު ކުޑަ ގޮތްތަކެވެ. މީގެ ތެރެއިން ބައެއް ގޮތަކީ ވިހެއުމާއި ކައިރިވެފައިވާނަމަ ބޭނުންކުރާ ގޮތްތަކެވެ. ނަމަވެސް އެގޮތްތަކުގެ ވާހަކަ ލިޔާކަން ނެތީމެވެ. މިފަދަ ވާހަކަ ލިޔުމަށްވެސް ހިތްވަރު ބޭނުންވެއެވެ.

އިސްލާމީ ޢިލްމުވެރިން އެބޯޝަން ޙަރާމްކަމަށް އެއްބަސްވާއިރު ބައެއް މުސްލިމް ޤައުމުތަކުގައި އެބޯޝަން ހުއްދަކުރާ އެއް ޙާލަތުވެއެވެ. އެއީ ދަރިފުޅުގެ ސަބަބުން މައިމީހާގެ ފުރާނައަށް ގެއްލުންވާނެކަން ޔަޤީންވާނަމައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކަށްޓަކައި މީހުން އެބޯޝަން ހައްދައެވެ. ބައެއް މީހުން ދަރީންގެ ސަބަބުން އެބައިމީހުންގެ މިނިވަންކަން ގެއްލިދާނެތީއެވެ. އަނެއްބައިމީހުން ދަރީން ނުގެންގުޅެވިދާނެތީއެވެ. ނުވަތަ "ކެރިއަރ" އަށް ހުރަސްއެޅޭތީއެވެ. އިސްލާމްދީނުގައި ޙަލާލު ދަރިން ލިބެނީ ދެމީހަކު ކައިވެނި ކުރުމަށްފަހު އަންހެންމީހާ ބަލިވެ އިނުމުންނެވެ. ކައިވެނީގެ ބޭރުން ބަލިވެއިންނަ ބައެއް މީހުން އެބައިމީހުންގެ މައްޗަށް އަތުވެދާނެ ޒިނޭގެ ޙުކުމުން ސަލާމަތްވުމަށްޓަކައި އެބޯޝަން ޚިޔާރުކުރެއެވެ. ތިމާކުރި ފާފައަށް ތައުބާވުމުގެ ބަދަލުގައި އިތުރު ފާފައެއް ބޮލުގައި އަޅައެވެ. ދުނިޔޭގެ ލަދަށެވެ. ޒިނޭއަކީ ޙަރާމްކަމެކެވެ. އިންސާނަކު ޤަޞްދުގައި މެރުމަކީވެސް ޙަރާމްކަމެކެވެ. ހިތާމައަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިންވެސް ބައެއް މީހުން، ރައްޖެއިން ބޭރު ޤައުމުތަކަށްގޮސް އެބޯޝަން ހައްދާވާހަކަ ތުންތުންމަތިން ނަމަވެސް އިވޭކަމެވެ. ދުނިޔޭގެ ލަދުން ދާދި އަވަހަށް ސަލާމަތްވެވެއެވެ. އާޚިރަތުގައި ލިބޭނެ ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ.
.................................
ދަރުމަ ޖެނުއަރީ 2008

އިތުރަށް ވިދާޅުވޭ...

1.25.2011

ހިނައިގަންނާނީ ކިހިނެއް؟

އަލްއުޚްތު އުއްމު ޙަނީން
1- އެންމެފުރަތަމަ ހިތުން ނިޔަތްގަތުމަށްފަހު ތިމާގެ ދެއަތް ކުޑަހުޅާ އެކު ވަރަށް ރަނގަޅަށް ދޮންނާށެވެ.

2- އަތް ދޮވުމަށްފަހު ޖުނުބު، ޙައިޟު ނޫނީ ނިފާސް ކަމުގެ ސަބަބުން ހުންނަ ހަޑިއެއް ފިލާވަރަށް ޖިންސީގުނަވަން ރަނގަޅަށް ދޮންނާށެވެ.

3- ދެން (ނަމާދަށް ވުޟޫކުރާގޮތަށް) ވުޟޫކުރާށެވެ. ބޭނުން ނަމަ ދެފައިތިލަ ދޮވުން ފަސް ކުރެވިދާނެއެވެ.

4- އަދި ތިން ފަހަރު ބޮލަށް ފެންއަޅައި ބޯ ދޮވެލާށެވެ. އަންހެނުން ހިނައިގަންނައިރު ބޮލުގައި ޖަހާފައިވާ ހުޅީގެ މަތިން އިސްތަށީގެ ބުޑުގައި ޖެހޭގޮތަށް ތިންފަހަރު ފެންލުމުން ފުދޭނެއެވެ.

5- ވުޟޫކުރުމަށްފަހު މުޅި ގަޔަށް ފެން އަޅައި ފެންވަރާށެވެ. މިގޮތަށް ފެންވަރާއިރު މުޅި ހަށިގަނޑުގައި ފެން ޖެއްސުމަށްޓަކައި ގައިގައި އަތް އުނގުޅުން މޮޅުއިތުރުވެގެންވެ އެވެ.

ޙައިޟުން ނޫނީ ނިފާސް ކަމުން ހިނައި ގަންނަ މީހާ، އެ ލޭގެ ސަބަބުން ހުންނަ ނުބައިވަސް ކަނޑުވާލުމަށްޓަކައި މީރުވަސްދުވާ އެއްޗެއް ބޭނުންކުރުމީ ސުންނަތްވެގެންވާ ކަމެކެވެ.

6- އެންމެ ފަހުން ތިން ފަހަރު ދެފައިތިލަ ރަނގަޅަށް ދޮވެލާށެވެ.

އިތުރަށް ވިދާޅުވޭ...

1.19.2010

ނިފާސް ގެ ބަޔާން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ނައިފަރު
نفاس ގެ މުއްދަތުގެ މަދުމިނަކަށް އެއްވެސް ޙައްދެއްނުވެއެވެ. ވިހެއުމަށްފަހު ހިނދުކޮޅެއްގެތެރޭގައި ލޭކަނޑައިގެންދިއަކަމުގައިވިޔަސް ނުވަތަ ވިހާހިނދު ލޭނައިކަމުގައިވިޔަސް ފަހެ އޭނާ ޠާހިރުވެއްޖެއެވެ. އަދި ޠާހިރުވެގެންވާ އަންހެނުންގެމައްޗަށް ލާޒިމުވެގެންވާ ހުރިހާކަމެއް އޭނާގެމައްޗަށް ލާޒިމުވާނެއެވެ. އެއީ ނަމާދުކުރުމާއި ރޯދަހިފުންފަދަ ކަންތައްތަކެވެ. އަދި نفاس ގެ މުއްދަތުގެ ގިނަމިނީ ސާޅީސްދުވަހެވެ. މާތްﷲ ރުއްސުންލެއްވި އުންމު ސަލްމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާވިދާޅުވިއެވެ. "رسول الله صلى عليه وسلّم ގެ ޒަމާނުގައި ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅީސްދުވަހު ތިބެތެވެ." (رواه أحمد وأبو داود والتّرمذي وابن ماجه) އަދި إمام ترمذي މިޙަދީޘް ރިވާކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅިސްދުވަހު ނަމާދުނުކޮށް ތިބުމަށާއި އެކަމަކު އެއަށްވުރެކުރިން ޠުހުރުފެނިއްޖެނަމަ ހިނައިގަނެ ނަމާދުކުރަން ފަށަންޖެހޭނެކަމަށް ހުރިހައި އަޞްޙާބުބޭކަލުންނާއި ތާބިޢީކަލުންނާއި އެއަށްފަހުގައި ވަޑައިގެންނެވި ޢިލްމުވެރިބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ." ދެން ސާޅީސްދުވަސްފަހުން ލޭފެނިއްޖެނަމަ ދަންނައެވެ. ފަހެ ގިނަޢިލްމުވެރިން ވިދާޅުވެފައިވަނީ އޭނާ ނަމާދު ދޫނުކުރާހުށިކަމެވެ.

حيض ވެރިޔާއަށާއި نفاس ވެރިޔާގެމައްޗަށް ޙަރާމްވެގެންވާ ކަންތައްތައް.
ޖުނުބުވެރިޔާގެ މައްޗަށް ޙަރާމްވެގެންވާ ހުރިހާކަމަކާއި އިތުރު ދެކަންތައް ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާގެމައްޗަށް ޙަރާމްވެގެންވެއެވެ. އަދި މިތިންމީހުންނަކީވެސް ބޮޑުޙަދަޘުން ޙަދަޘުވެރިވެފައިވާ ތިންމީހުންނެވެ. ފަހެ ޖުނުބުވެރިޔާގެ މައްޗަށް ޙަރާމްވެގެންވާ ކަންތައްތައް އިސްވެބަޔާންވެ ހިނގައްޖެއެވެ. ދެން ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާގެމައްޗަށް ޙަރާމްވެގެންވާ އިތުރުދެކަމަކީ:
1– ރޯދަހިފުން. ފަހެ ޙައިޟުވެރިޔާއަށާއި ނިފާސްވެރިޔާއަށް ރޯދަހިފުން ހުއްދަވެގެންނުވެއެވެ. އަދި ރޯދަހިފިކަމުގައިވިޔަސް އެރޯދަ ރޯދަކަމުގައިނުވާނެއެވެ. ފަހެ އެކަނބަލުން ޙައިޟުގެދުވަސްވަރު އަދި ނިފާސްކަމުގެ ދުވަސްވަރު ފާއިތުވީރޯދަތައް ޤަޟާކުރުމަކީ އެކަނބަލުންނަށްޖެހޭނެ ވަރަށްބޮޑު ތަކުލީފެކެވެ. އެހެންކަމުން ޝަރީޢަތް އެކަނބަލުންނަށް އެކަން މާފުކުރެއެވެ. މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޟުޙާޢީދު ދުވަހު ނުވަތަ ފިޠުރުޢީދުދުވަހު ޢީދުނަމާދުކުރާ މައިދާނަށް رسول الله صلّى الله عليه وسلّم ނިކުމެވަޑައިގަތެވެ. ފަހެ އަންހެނުންގެ ޖަމާޢަތެއްކައިރިން ވަޑައިގަންނަވަމުން ޙަދީޘްފުޅުކުރެއްވިއެވެ. "އޭ އަންހެނުންނޭވެ! ތިޔަކަނބަލުން ޞަދަޤާތްކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންކުރެ ގިނަބަޔަކީ ތިޔަކަނބަލުންކަމުގައި (އެބަހީ އަންހެނުންކަމުގައި) ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." ދެން އެކަނބަލުން ދަންނަވައިފިއެވެ. އެއީ ކީއްވެގެންތޯއެވެ؟ އޭ ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަކަނބަލުން ލަޢުނަތްދިނުން ގިނަކުރަމުއެވެ. އަދި ފިރިންނަށް ނުކިޔަމަންތެރިވަމުއެވެ. ތިޔަކަނބަލުންނަކީ ބުއްދީގެގޮތުންނާއި ދީނީގޮތުންއުނި ބަޔަކަށްވުމާއެކުވެސް ހަރުދަނާ ބުއްދިވެރި ފިރިހެނަކު ހައްދައިލައި ކޮސްކޮށްލުމަށް ތިޔަކަނބަލުންނަށްވުރެ މަތީބަޔަކު ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ." އެކަނބަލުން ދަންނަވައިފިއެވެ. ބުއްދީގެގޮތުންނާއި ދީނީގޮތުން އަހުރެމެންގެ އުނިކަމަކީ ކޮބައިތޯއެވެ؟ އޭﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "އަންހެނާގެ ހެކިބަސް ފިރިހެނާގެ ހެކިބަހުގެ ދެބައިކުޅައެއްބައިކަމުގައި ނުވޭހެއްޔެވެ؟ "އެކަނބަލުން ދަންނަވައިފިއެވެ. ނޫނެކެވެ. ތިޔަހެންވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ އެއީ ބުއްދީގެ ގޮތުންހުރި އުނިކަމެވެ. އަންހެނާ ޙައިޟުވާހިނދު އޭނާއަށް ނަމާދާއި ރޯދަ ދޫކޮށްލަން ނުޖެހޭހެއްޔެވެ؟ "އެކަނބަލުން ދަންނަވައިފިއެވެ. ނޫނެކެވެ. ދޫކޮށްލަން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ އެއީ ބުއްދީގެގޮތުންހުރި އުނިކަމެވެ. އަންހެނާ ޙައިޟުވާހިނދު އޭނާއަށް ނަމާދާއި ރޯދަދޫކޮށްލަން ނުޖެހޭހެއްޔެވެ؟ "އެކަނބަލުން ދަންނަވައިފިއެވެ. ނޫނެކެވެ. ދޫކޮށްލަން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ އެއީ ދީނީގޮތުންހުރި އުނިކަމެވެ." (متّفق عليه) އަދި معا ذة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާވިދާޅުވިއެވެ. "އަހުރެން ޢާއިޝަތުގެފާނާ ސުވާލުކޮށްފީމެވެ. ޙައިޟުވެރިޔާއަށް ރޯދަ ޤަޟާކުރަންޖެހޭއިރު ނަމާދު ޤަޟާކުރަންނުޖެހެނީ ކީއްވެތޯއެވެ؟ ޢާއިޝަތުގެފާނު ދަންނަވައިފިއެވެ. رسول الله صلّى الله عليه وسلّم ގެ އަރިހުގައި އަހުރެމެންވެސް ޙައިޟުވެއެވެ. ފަހެ ރޯދަ ޤަޟާކުރުމަށް އަހުރެމެންނަށް އަމުރުކުރައްވައެވެ. އަދި ނަމާދު ޤަޟާކުރުމަށް އަހުރެމެންނަކަށް އަމުރެއްނުކުރައްވައެވެ." (متّفق عليه)
2- ވަޠީވުން.
ހުރިހާޢިލްމުވެރިންގެ އިޖުމާޢުން މިކަން ޙަރާމްވެގެންވެއެވެ. އަދި ޤުރުއާނާއި ސުންނަތުގައިވެސް މިކަންވަނީ ޙަރާމްކުރައްވާފައެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ޔަހޫދީން، އެބައިމީހުންގެތެރެއިން އަންހެނަކު ޙައިޟުވެއްޖެނަމަ އެއަންހެނާއާއެކު ކައިނަހަދަތެވެ. އަދި އެއްތާކު އިށީނދެވެސް ނަހަދަތެވެ. ދެން އަޞްޙާބުބޭކަލުން رسول الله صلّى الله عليه وسلّم އާ ސުވާލުކުރެއްވިއެވެ. ފަހެ الله تعالى މިއާޔަތް ބާވައިލައްވައިފިއެވެ. (وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِ‌ۖ قُلۡ هُوَ أَذً۬ى فَٱعۡتَزِلُواْ ٱلنِّسَآءَ فِى ٱلۡمَحِيضِ‌ۖ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَ‌ۖ فَإِذَا تَطَهَّرۡنَ فَأۡتُوهُنَّ مِنۡ حَيۡثُ أَمَرَكُمُ ٱللَّهُ‌ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٲبِينَ وَيُحِبُّ ٱلۡمُتَطَهِّرِينَ) (البقرة: ٢٢٢) (މާނައީ: "އަދި ކަލޭގެފާނާ އެބައިމީހުން (މުއުމިނުން) حيض އާ ބެހޭގޮތުން ސުވާލުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަޑިމުޑުދާރު އެއްޗެކެވެ. ފަހެތިޔަބައިމީހުން ޙައިޟުގެ ދުވަސްވަރު އަނބިންނާ (ޖިމާޢުވުމުން) ދުރުވާށެވެ. އަދި އެކަނބަލުން ޠާހިރުވެއްޖައުމަށްދާންދެން ތިޔަވައިމީހުން އެކަނބަލުންނާ ކައިރިނުވާށެވެ. (އެބަހީ ޖިމާޢުނުވާށެވެ.) ފަހެ އެކަނބަލުން ޠާހިރުވާހިނދު، މާތްﷲ ތިޔަބައިމީހުންނަށް އަމުރުކުރެއްވިތަނުން އެކަނބަލުންގެގާތަށް ތިޔަބައިމީހުން އަންނާށެވެ. (އެބަހީ އެކަނބަލުންގެ ފަރުޖުތަކަށް ތިޔަބައިމީހުން ޖިމާޢުވާށެވެ.) ހަމަކަށަވަރުން މާތްﷲ، ގިނަގިނައިން ތައުބާވާމީހުންދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުވާމީހުންދެކެވެސް ލޯބިވެވޮޑިގަންނަވައެވެ.") ފަހެ رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. "ޖިމާޢުވުންނޫން ހުރިހާކަމެއްކުރާށެވެ."(رواه أحمد ومسلم) އަދި إمام نووي – رحمه الله – ވިދާޅުވިއެވެ. "މުސްލިމަކު، ޙައިޟުވެރިޔާގެ ފަރުޖަށް ޖިމާޢުވުން ހުއްދަކަމުގައި އިޢުތިޤާދުކޮށްފިނަމަ ފަހެ އޭނާ ކާފަރުވެ މުރުތައްދުވެއްޖެއެވެ. އަދި އެގޮތަށް އިޢުތިޤާދުނުކުރާޙާލު، ހަނދާންނެތިގެން ނުވަތަ ޙަރާމްވެގެންވާކަން ނޭނގިހުރެ، ނުވަތަ އަނބިމީހާ ޙައިޟުވެފައިހުރިކަން ނޭނގިހުރެ، އަނބިމީހާއާ ޖިމާޢުވެއްޖެނަމަ އޭނާގެމައްޗަށް އެއްވެސްފާފައެއްނެތެވެ. އަދި ކައްފާރާއެއްވެސްނުވެއެވެ. އަދި އަނބިމީހާހުރީ ޙައިޟުވެފައިކަން އެނގިހުރެ، އެޙާލަތުގައި ޖިމާޢުވުން ޙަރާމްވެގެންވާކަން އެނގޭޙާލު، އެކަންކޮށްފިނަމަ ފަހެ އޭނާ އެއަރައިގަތީ ބޮޑުވެގެންވާ ފާފައަކަށެވެ. އެކަމުން ތައުބާވުން އޭނާގެމައްޗަށް ވާޖިބުވާނެއެވެ. އަދި އޭނާގެމައްޗަށް ކައްފާރާ ވާޖިބުވެގެންވުމާމެދު ދެބަސްފުޅު އައިސްފައިވެއެވެ. އޭގެތެރެއިން އެންމެޞައްޙަ ބަސްފުޅަކީ ކައްފާރާ ވާޖިބުވެގެންނުވުމެވެ. އަދި ވިދާޅުވިއެވެ. ޙައިޟުވެފައިވާ އަނބިމީހާގެ ފޫޅުންމައްޗާއި ކަކުލުގެތިރިން އަރާމުލިބިގަތުން ޙަލާލުވެގެންވާކަމަށް ހުރިހާދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އަދި ކުރިމަތިފަރާތާއި ފުރަގަސްފަރާތް ފިޔަވައި ފޫޅާއި ކަކުލާދެމެދުން އަރާމުލިބިގަތުންދަންނައެވެ. ގިނަ ޢިލްމުވެރިން އެކަން ޙަރާމްކަމަށް ވިދާޅުވެއެވެ."

އިތުރަށް ވިދާޅުވޭ...

11.17.2009

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެ ފާއިތުވެދިޔަ ރޯދަ


މުޙައްމަދު ޝަމްޢޫން
ސުވާލު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާގެ ކިބައިން ރަމަޟާންމަހު ގެއްލިގެންދާ ރޯދަ ގަޟާކުރުމުގެ ކުރިން، އޭނާ ހިފަންވީ ޝައްވާލުމަހުގެ ހަރޯދަތޯ؟ ނުވަތަ އޭނާ އިސްކުރަންވީ ޤަޟާކުރަންޖެހިފައިވާ ފަރުޟުރޯދަތައްތޯ؟ މި ދެގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޤަޟާކުރަންޖެހޭ ފަރުޟުރޯދަތަކެއް ހުއްޓައި ސުންނަތްރޯދަ ހިފުމާއި ބެހޭގޮތުން ޢިލްމުވެރިންގެ ދެ ރައުޔެއް އައިސްފައިވެއެވެ.ފުރަތަމަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެކުރިން ސުންނަތް ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ. އެހެނީ ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނެއެވެ.ދެވަނަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެނީ ފަރުޟު ރޯދަ ޤަޟާކުރުމުގެ ވަގުތު އަނެއް ރޯދަމަހާއި ހަމައަށް ދެމިގެންދެއެވެ.ދެން އުފެދޭ ސުވާލަކީ މި ދެރައުޔުން، ރަނގަޅީ ކޮންރައުޔެއްތޯއެވެ؟ އާދެ، އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ދެވަނަ ރައުޔަށެވެ. ސަބަބު: ފަރުޟު ނަމާދެއްގެ ވަގުތުވެފައި އޮއްވައި، ވަގުތު އޮވެއްޖެނަމަ އެފަރުޟު އަދާކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުމަކީ ހުއްދަކަމެކެވެ. ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނީ ފަރުޟު އަދާކުރާނޭ ވަގުތެއް ނެތްނަމައެވެ. ހަމަ މިގޮތަށް ރޯދަވެސް ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތު އޮވެއްޖެނަމަ، އެފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުން ހުއްދަވާނެއެވެ. ނަމަވެސް އެ ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތުނެތްނަމަ، ފަރުޟަށްވުރެ ސުންނަތް ރޯދައަށް، އިސްކަން ނުދެވޭނެއެވެ.މިސާލު: މީހަކު ޤަޟާކުރަންޖެހިފައި އޮތީ 8 ރޯދައެވެ. އެހެންވެއްޖެނަމަ، ޝަޢުބާންމަހުގެ 20 ނުވަތަ 21 ޖެހެންދެން އޭނާއަށް ސުންނަތް ރޯދަ ހިފިދާނެއެވެ. ނަމަވެސް ޝައުބާންމަހުގެ 20 ނުވަތަ 21 ޖެހުމަށް ފަހު އޭނާއަށް ސުންނަތް ރޯދަ ނުހިފޭނެއެވެ. އެހެނީ އޭނާ ޤަޟާކުރަންޖެހިފައިވާ 8 ރޯދަ ހިފުމަށް، އޭނާއަށް އިތުރުވަގުތެއް ނެތެވެ.މިހާ ހިސާބަށް، މިވާހަކަ ދެކެވުނީ ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުމުގެ ޙުކުމާއި ބެހޭގޮތުންނެވެ. އާދެ، ހުއްދަތޯ ނުވަތަ ހުއްދަނޫންތޯއެވެ. ކުރީގައިވެސް ބަޔާންކުރި ފަދައިން އަޅުގަނޑަށް ބުރަވެވެނީ ހުއްދަ ކަމަށެވެ. ނަމަވެސް މިދެގޮތުން އެންމެ އައުލާކަންބޮޑީ(އެންމެ ރަގަޅީ)، ކޮންގޮތެއް ތޯއެވެ؟ ޖަވާބު: އެންމެ ރަގަޅީ ފުރަތަމަ، ފަރުޟުރޯދަ ޤަޟާކުރުމެވެ.ސަމާލުކަމަށް: މަތީގައި ބަޔާން ކުރެވިފައިވާ ސުންނަތްރޯދަތަކުގެ ތެރޭގައި ޝައްވާލުމަހުގެ 6 ރޯދަ ނުހިމެނޭނެއެވެ. އެހެނީ ޝައްވާލުމަހުގެ 6 ރޯދަ، އެހެން ސުންނަތްރޯދަތަކާއި ތަފާތެވެ. ޝައްވާލުމަހުގެ 6 ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. مَنْ صَامَ رَمَضَانَ وَ أَتْبَعَهُ سِتًّا مِنْ شَوَّالَ كَانَ كَصِيَامِ الدَّهْرِ "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ މުޅިއަހަރު ރޯދަހިފި ފަދައެވެ."މި ޙަދީޘްފުޅުގައި އައިސްފައި މިވަނީ ރަމަޟާންމަހުރޯދަ ހިފުމަށްފަހު ޝައްވާލުމަހުގެ 6 ރޯދަހިފާ މީހެއްގެ ވާހަކައެވެ. އެހެންކަމުން ރޯދަޤަޟާކުރަން ޖެހިފައިވާ މީހާ، މުޅި ރަމަޟާންމަހުރޯދަ ހިފިކަމަކަށް ނުވާނެއެވެ. އޭނާ ރޯދަ ޤަޟާކުރުމުގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިކަމުގައިވިޔަސް، ޙަދީޘުގައި ބަޔާންކުރެވިފައިވާ ޘަވާބެއް އޭނާއަކަށް ނުލިބޭނެއެވެ. އޭނާއަށް ލިބޭނީ ސުންނަތް ރޯދައެއް ހިފުމުގެ ޘަވާބެވެ. ޙަދީޘްގައި ބަޔާންކުރެވިފައިވާ ޘަވާބު ލިބޭނީ ރޯދަ ޤަޟާކުރުމަށްފަހު ޝައްވާލުމަހުގެ 6 ދުވަހު ރޯދަ ހިފުމުންނެވެ. ޝައްވާލުމަހުގެ، ކޮންމެ 6 ދުވަހަކު ހިފިއަސް، އެމަހުގެ 6 ދުވަހު ރޯދަހިފިކަމަށްވާނެއެވެ. ފުރަތަމަ 6 ދުވަހު ހިފުން ލާޒިމުވެގެނެއް ނުވެއެވެ. وَاللهُ أَعْلَمُ
ނޯޓް: މިލިޔުމަކީ ޢާބިދުލްޙަރަމައިން އިން ނަގާފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ...