Showing posts with label ޢިބުރަތް. Show all posts
Showing posts with label ޢިބުރަތް. Show all posts

7.08.2012

އޭރުން މުޖްތަމަޢުގެ އަނެއް 1/2 ގެއްލިގެންދާނެއެވެ

އަލް އަޚް މުޙައްމަދު ޝަމްޢޫން
ހުޅަނގުގެ އަހުލުވެރިންނާއި، އެމީހުންގެ ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުންދާ މީހުން، އަންހެނުންގެ ޙަޤީޤީ މަޤާމުން އެމީހުން ބޭރުކޮށް، ފިރިހެނުންނާއެކު ވަޒީފާއަށް ނެރެން ގޮވަމުންދެއެވެ. ފަހެ ހަމަކަށަވަރުން އެމީހުން އެގޮވަނީ ފިތުނައަށެވެ. އަދި އަންހެނުންގެ ކަރާމާތާއި ޢިއްޒަތް ނަގާލައި، އަބާއްޖަވެރިންގެ ތެރޭގައި އެކަނބަލުން ހިމެނުމަށެވެ. އެހެންކަމުން ޤަލަމާއި ދުލުން އެމީހުން ގޮވަމުންދާ، އެ ޖާހިލިއްޔަ ގޮވެލިތައް ހުއްޓުވަންޖެހެއެވެ. ހުޅަނގުގެ ޤައުމުތަކާއި، އެމީހުންގެ މަގުން ހިނގަމުންދާ އެހެން ޤައުމުތަކުގައި، އަންހެނުންނަށް ކުރިމަތިވަމުންދާ ހިތާމަވެރި ހިތްދަތި ކަންތަކުން އަހަރެމެން ޢިބްރަތް ޙާޞިލުކުރަންޖެހެއެވެ. ބާއްޖަވެރިއަކީ އޭނާގެ ވަށައިގެން ހިނގަމުންދާ ކަންތަކުން ޢިބްރަތް ޙާޞިލުކުރާ މީހާއެވެ.

އަންހެނުން ވަޒީފާއަށް ނުނެރެފިނަމަ، ‘މުޖުތަމަޢުގެ ދެބައިކުޅައެއްބައި ވަނީ މަސައްކަތެއް ނުކޮށޭ’ ބުނުން ފިޔަވައި، އިތުރު އެއްވެސް ޙުއްޖަތެއް އެމީހުންނަކަށް ނުވެއެވެ. މިހެން ބުނެ އެމީހުން ބޭނުންވަނީ އަންހެނުންނަކީވެސް، ފިރިހެނުންނާއި އެއްސަފެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް ހަދާށެވެ. އަދި ފިރިހެނުންނާއި މަސްހުނިވެ އުޅޭ ބަޔަކަށް ހަދާށެވެ. އަންހެނުންތައް އެކަނބަލުންގެ ގެތަކުގައި ކުރަމުންދާ އަގުހުރި މަސައްކަތް އެމީހުންވަނީ ހަނދާންނެތިފައެވެ. ނުވަތަ ހަނދާން ނައްތައިލާފައެވެ. ފަހެ އަންހެނުން، ގެތަކުގައި އެކުރާ އަގުހުރި މަސައްކަތަކީ، މުޖުތަމަޢަށް ކޮށްދެވޭ ބޮޑުވެގެންވާ ޚިދުމަތެކެވެ. އެއީ އެކަނބަލުން ޚަލްޤުކުރެވިފައިވާ ފިޠުރަތާއި އެންމެ އެކަށޭނެ މަސައްކަތެވެ. އަދި އެކަނބަލުން ނޫން އެހެންބަޔަކަށް ނުކުރެވޭނޭ މަސައްކަތެކެވެ.

ބުރަމަސައްކަތް ކުރުމަށްފަހު ގެއަށް އަންނަވަގުތު އޯގާތެރިކަމާއި ލޯތްބާއެކު ވާހަކަދައްކައި، ފިރީން ހިތްހަމަޖައްސައިދޭ އަނބީންނަކީ އެކަނބަލުންނެވެ. ބަނޑުގައި ދަރީންތައް އުފުލައި، ވިހެއުމުގެ އެންމެހާ ވޭންތަކަށް ކެތްކޮށް، ގާތުންކިރުދީ، މުޖުތަމަޢު ހެޔޮގޮތުގައި ބިނާކުރާނޭ ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ ބުރަމަސްއޫލިއްޔަތު އުފުލަނީ އެކަނބަލުންނެވެ. ގޭގެ އެންމެހާ ކަންތައް ބަލަހައްޓަނީ އެކަނބަލުންނެވެ. ފިރިހެނުންނާއި އެއްސަފަކަށް ވަޒީފާއަށް އެކަނބަލުން ނެރެފިނަމަ މިމަސައްކަތްކުރާނީ ކާކުތޯއެވެ؟ އޭރުން މިމަސައްކަތްތައް ހުއްޓުމަކަށް އަންނާނޭކަން ކަށަވަރެވެ. އެހިނދުން މުޖްތަމަޢުގެ އަނެއް 1/2 ގެއްލިގެންދާނެއެވެ. (އެބަހީ: ވަޒީފާ އަދާކުރުމަށްޓަކައި، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ފިރިހެނުންތަކެއް އޭރުން ނުތިބޭނެއެވެ.) ދެންފަހެ ‘ދެބައިކުޅަ އެއްބައި މަސައްކަތެއް ނުކުރެއޭ’ ބުނެ، މި 1/2(އަންހެނުން) ނެރުމުން ވާނީ ކޮންފައިދާއެއްތޯއެވެ؟ މުޅި މުޖްތަމަޢު ހަލާކުވެ ނިކަމެތިވެގެންދިއުން ފިޔަވައި އިތުރުކަމެއް ނުވާނެކަން ޔަޤީނެވެ.

އެހެންކަމުން، އަންހެނުން ވަޒީފާއަށް ނެރުމަށް ގޮވާލާ މީހުންނަށް އަހަރެމެން ބުނާނީ، ޣާފިލުކަމުގެ ނިދިން ހޭލާށެވެ. ހެޔޮވިސްނޭ ބަޔަކަށް ވާށެވެ. ﷲގެ ނިޢުމަތަށް ކާފަރުވެ، އަމިއްލަ ޤައުމު ހަލާކުގެގޮވައްޗަކަށް ހަދާ ބަޔަކަށް ނުވާށެވެ. ބިނާކުރުވާ، ހެޔޮޢަމަލުތަކަށް ގޮވާލާ ބަޔަކަށްވާށެވެ. އަދި ނިކަމެތިކޮށް ހަލާކުކޮށްލާ ނުބައިޢަމަލުތަކަށް، ގޮވާ ބަޔަކަށް ނުވާށެވެ.

އޭ މުސްލިމް އަންހެނާއެވެ! ތިބާގެ ދީނުގައި ގަދަޔަށް ހިފައްޓާށެވެ. އިސްލާމްދީން ތިބާއަށް ހޯދައިދީފައިވާ، ކަރާމަތާއި ޢިއްޒަތް ނަގާލަން މަސައްކަތްކުރަމުންދާމީހުންގެ ކެހިވެރި މަޅިތަކުގައި ނުޖެހޭށެވެ. ފަހެ އިސްލާމްދީން ނޫން އެހެން ދީނެއް އިޚްތިޔާރުކޮށްފި މީހަކީ ހުރިހާ ޢިއްޒަތަކުން މަޙުރޫމްވެ، ދެދުނިޔޭގައިވެސް ގެއްލެނިވެގެންދާނޭ މީހެކެވެ.

_________________________________________

ނޯޓް: މިއީ ޝެއިޚް ޞާލިޙް އަލްފައުޒާން ‘އަލްމުލައްޚަޞުލް ފިޤުހީ’ ގައި، އަންހެނުން މިސްކިތައް ދިއުމުގެ ޙުކުމް ނަންގަތް ބާބުގައި ލިޔުއްވާފައިވާ ބަސްކޮޅެއްގެ ތަރުޖަމާއެވެ.

މިލިޔުން ނަގާފައި ވަނީ ދިލަސަލަފިއްޔާ.ނެޓް އިން. http://dhisalafiyyah.net/?p=4070

އިތުރަށް ވިދާޅުވޭ...

3.16.2012

ކޮންމެ ފިރިހެނަކީވެސް އެފަދަ ފިރިހެނެއްނަމަ

އަލްއަޚް މުޙައްމަދު ޢިމްރާން
މިއީ ހަޤީޤީ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. މިވާހަކަ އެހެންފަރާތަކުން ތަރުޖަމާކޮށް ހުށައަޅާފައިވާނަމަ އެއީ އިއްތިފާގެކެވެ. މިއީ ތުރުކީ ވިލާތުގެ އަންހެން ކުއްޖަކު އޭނާގެ، ޚަޔާތުގެ ވާހަކަ އޭނާގެ ދުލުން ކިޔައިދިން ގޮތެވެ. ﷲ ގެ މަގަށް އޭނާ ރުޖޫޢަވެ އެނބުރުނީ މިހެންނެވެ. މިވާހަކަތައް އަޑު އަހާށެވެ.

އަހަރެންގެ އާއިލާއަކީ ކުޑަކުޑަ އާއިލާއެކެވެ. މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގައި ވަނީ އަހަރެން އެކަންޏެވެ. އަހަރެންނަކީ އަންހެން ކުއްޖަކީމެވެ. މަންމަ އަކީ ހުޅަނގުގެ ޙަޟާރާތުގެ ތެރޭގައި އުޅެބޮޑުވެފައިވާ އަންހެނެކެވެ. އިނގިރޭސިވިލާތުގެ އަންހެނެކެވެ. ބައްޕައަކީ ތުރުކީ ވިލާތުގެ މުސްލިމު ފިރިހެނެކެވެ. މަންމަވެސް ބައްޕައާއި ކައިވެނިކުރުމަށް އިސްލާމްދީން ޤަބޫލުކުރިއެވެ. ނަމަވެސް މަންމަ ނަމާދުކުރާ، މަންޒަރެއް އަދި ﷲ ގެ އާޔަތްތަކުން ތައްކޮޅެއް ކިޔަވާ އަޑުވެސް އަހަރެން ދުވަހެއްގައިވެސް ނާހަމެވެ.

އާއިލާއަށް ކަންތައްތައް ކުރިމަތިވީ ވަރަށް ހިތާމަވެރިކޮށެވެ. އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައި، ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ މަސައްކަތްކުރާ ކާރުޙާނާ އިން އެނބުރި ގެއަށް އައި މަގުމަތީގައި، ދަތުރުކުރި ބަސް އެކްސިޑެންޓް ވެގެންނެވެ. އާއިލާގެ އާއްމުދަނީ ލިބޭ މަގު ބަންދުވީއެވެ. މަންމަ އަކީ އިނގިރޭސިވިލާތުގެ މީހެއްކަމަކު ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ފަޤީރު އާއިލާއަކުން އައިސްހުރި ފަޤީރެކެވެ. ބައްޕަ ރައްކައު ކޮށްފައިވާ ފައިސާތައް ހުސްވާން ނެގީ އަހަރެއްހާ ދުވަހެވެ. ބައްޕައަކީ ވެސް މެދުމިނުގެ މުސާރައެއް ލިބޭ މީހަކަށް ވާތީ މާގިނައެއްކޮށް ރައްކާކުރެވިފައި ނެތީއެވެ.

ކޮންމެއަކަސް އެހިސާބުން މަންމަ ފެށީ އެހެން މަސައްކަތެކެވެ. މަންމަގެ ރީތިކަން ވިއްކާން ފެށީއެވެ. ރެޔާ ދުވާލު އެތައް ފިރިހެނުންނެއް މިވިޔަފާރި ކުރަން މަންމަގެ ގާތަށް އާދެއެވެ. އެމަސައްކަތުން އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސެއެވެ. އަހަރެންގެ ލޮލުގެ ކުރިމަތީގައި، ބަލަން ހެޔޮނުވާވަރުގެ އެތައް މަންޒަރުތަކެއް ހިނގިއެވެ. މަންމަގެ މިމަސައްކަތުގައި ހޭދަވީ ގާތްގަނޑަކަށް ހަތަރު އަހަރެވެ. މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. މާރަނގަޅު ފަރުވާތަކެއް ނުދެވި އުޅެނިކޮށް މަންމަ އަމިއްލައަށް މަރުވެއްޖެއެވެ. ދަންޖެހިގެންނެވެ. އަހަރެންގެ އުމުރުން އެންމެ 14 އަހަރުގައި އަހަރެން އެކަނިވީއެވެ.

އަހަރެންނަށް ކިޔެވިފައެއް ނެތެވެ. މަސައްކަތެއް ދަސްކުރެވިފައެއް ނެތެވެ. އަހަރެންނަކީ ވެސް ރީތި އަންހެނަކީމެވެ. ތުރުކީގެ ރަންއިސްތަށިގަނޑާ، އިގިރޭސި ދޮންކުލަ އަހަރެންގެ ގައިގައި ހުރެއެވެ. އަހަރެންވެސް ނިންމީ މަންމަގެ ވިޔަފާރި ކުރާށެވެ. އުމުރުން އެންމެ 14 އަހަރުގައެވެ. އަހަރެންނަށް އަނިޔާވެސް ލިބެއެވެ. ބައެއް ނުބައި ފިރިހެނުން އަހަރެންގެ ލޭކޮޅު ބޯލުމަށްފަހު ފައިސާ ނުދީ ދެއެވެ. އަހަރެން ކުޑަވީމާވެސް ތޯއްޗެކެވެ. ފަސް ވަރަކަށް އަހަރުވީއިރު އަހަރެންގެ ވިޔަފާރި ފުޅާވެ، ބޮޑެތި މުއްސަނދިންގެ ހައިހޫނުކަން ފިލުވާދޭން ކޮށްލެވޭ ފޯނު ކޯލުތަކަކަށް އެކިއެކި ހޮޓާތަކަށް ދާން ފަށައިފީމެވެ.

މިރޭވެސް މިއީ އެކަހަލަ ރެއެކެވެ. އަހަރެންނަށް އެޕޮއިންޓްމެންޓެއް ހޯދުމަށް ޒުވާން ފިރިހެނަކު ފޯނު ކޮށްފިއެވެ. ހޮޓަލުގެ ނަން ބުނުމަށްފަހު ރޫމް ނަންބަރުވެސް ދީފިއެވެ. އަދި އުމުރުން 22 އަހަރުކަމުގައި ބުންޏެވެ. މީހަކާ ނީންނަ ވާހަކައާއި، ދަރިއަކުވެސް ނެތްކަމަށް ބުންޏެވެ. އަދި މިއީ އޭނާގެ ފުރަތަމަ ފަހަރުކަމަށް، ވަރަށް ލަދުވެތި ގޮތެއްގައި ބުންޏެވެ. އަދި އެއީ މޯބައިލް ފޯނުގެ ޚިދުމަތްދޭ ވަރަށް ބޮޑު ކުންފުންޏެއްގެ އޯނަރެއްގެ ދަރިއެއްކަމާއި، 500 ޑޮލަރު ލިބޭނެ ކަމަށްވެސް ބުންޏެވެ.

ކޮންމެ އަކަސް އޭނާ އެބުނި ގަޑިއަށް އެތަނަށް ދިޔުމަށް އަހަރެން ތައްޔާރުވާން ފެށީމެވެ. އަދި އެހެން ރޭރެޔަށްވުރެ ފުރިހަމައަށް ފެންވަރާ ރީތި ވެލީމެވެ. އަދި އޭނާއަކީ މުއްސަންޖެއްކަން އެނގޭތީ، މޭކަޕަށް ވަރަށް ލޯބި ކުރާނޭކަން އެނގެއެވެ. އެހެންކަމުން، ވަރަށް ރަނގަޅަށް މޭކަޕް ކުރީމެވެ. ރޭނގަޑުގެ 10 ޖަހާނޭ ވަގުތަކަށް އިންތިޒާރުކުރަން ފެށީމެވެ. އޭނާ ބުނެފައިވަނީ 10:30 އަށް ހޮޓަލަށް ދިޔުމަށެވެ. 10 ޖެހުމާއިއެކު އަހަރެން ގެއިން ނިކުތީމެވެ. އަދި މަގުމަތިން ޓެކްސީއެއް ނެގީމެވެ. ޑުރައިވަރުގެ ގާތުގައި ހޮޓަލުގެ ނަން ބުނުމަށްފަހު އެހޮޓަލަށް ގެންގޮސް ދިނުމަށް ބެނެފީމެވެ.

ބަރާބަރު 10:20 އަހަރެންނަށް ހޮޓަލަށް ދެވުނެވެ. އަދި އޭނާބުނި ރޫމް ހުންނަ ފަންގިފިލާ އަހަރެން އެތަނުގެ ރިސެޕްޝަނިސްޓަކަށް އިން އަންހެން ކުއްޖާ އާއި ސުވާލު ކޮށްގެން ހޯދީމެވެ. އެއަށްފަހު އެކޮޓަރިއަށް ދިޔުމަށް އަވަސްވެ ގަތީމެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. ހީވަނީ ވާންމިއުޅޭ ގޮތެއް ނޭނގިގެން އުޅެނީހެންނެވެ. އެހެންނެއް ނޫންތޯއެވެ؟ މިއީ އަހަރެންނަށް އާކަމެއްނޫނެވެ. އަދި މިފަދަ ހޮޓާތަކަށް އައުމަކީވެސް އަހަރެންނަށް އާކަމެއް ނޫނެވެ. ދެން އަހަރެންގެ ހިތް މޭގައި މަޑުން ނޯންނަން މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

ލިފްޓްގެ ތެރެއިން ނިކުމެ ހަތް ވަނަ ފަންގިފިލާގައިވާ 723 ނަންބަރު ކޮޓަރި ދޮރުމައްޗަށް ހުއްޓި ދޮރުގައި ޓަކިދިނީމެވެ. ޖަވާބެއް ނުލިބުނެވެ. ގަޑިބަލައިލީމެވެ. އަދި 10:28 ހިނގީއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު 10:30 ހިނގުމާއެކު އަހަރެން އެދޮރުގާ ޓަކި ދިނީމެވެ. ދޮރުހުޅުވިއްޖެއެވެ. އަހަރެންނަށް ކުޑަކޮށް ފަހަތައް ޖެހެވުނެވެ. މޫނުމަތި އަލި ރީތި ރީތި ޒުވާނަކު ކޮޓަރި ތެރޭގައި އަހަރެންނާ ދިމާއަށް ހިނިތުންވެފައި އެބަހުއްޓެވެ. ބަލާބެލުމަށް އޭނާ އެބުނިގޮތަށް އޭނާގެ ފުރަތަމަ ފަހަރުހެންނެއް ހިޔެއް ނުވެއެވެ. ސަބަބަކީ، ޖެހިލުންވުމާ ލަދުވެތިވުމުގެ އެއްވެސް ސިފައެއް އޭނާގެ މޫނުމަތިން ފެންނާން ނެތީމައެވެ.

ކޮޓަރި ތެރެއަށް ވަނުމަށް އޭނާ ބުންޏެވެ. އަދި އެތާހުރި ކިންގް ސައިޒްގެ ބޮޑު އެނދުގައި އިށީނުމަށް ބުންޏެވެ. އަދި އޭނާ ފާހަނާއަށް ވަނެވެ. އަހަރެން ހިތަށް އަރަމުން ދިޔަ އެޒުވާނާގެ ރީތިކަމާ ދޭތެރޭގައެވެ. އެޒުވާނާގެ ބޭނުން އަހަރެންނަށް ރަނގަޅަށް ފުއްދާ ދެވިދާނެތޯ އަހަރެންގެ ހިތް އަހަރެންނާ ސުވާލުކުރަމުން ދިޔައެވެ. އޭނާ ފާހާނާއިން ނިކުމެއްޖެއެވެ. އަދި އަހަރެންނާ ދިމާއަށް މަޑުމަޑުން އައެވެ. އަދި އެނދުގެ ބޯލާކޮޅުގައިވާ މުޞައްލާއެއް ނެގިއެވެ. އަދި ބިންމަތީގައި ފަތުރާލިއެވެ. އޭނާ އިޝާރާތުން އެމުޞައްލާ މަތީގައި އިށީނުމަށް އެދުނެވެ. އަހަރެން މިވަނީ ކިހިނެއްކަން ނޭނގޭ ހާލު އެމުޞައްލާ މަތީގައި އިށީނދެއްޖާމެވެ.

އަދި އަހަރެންނަށް އަޑު އިވޭވަރަށް އޭނާ ޤުރުއާނުގެ އާޔަތްތައް ކިޔަވަން ފެށިއެވެ. އަދި އޭގެ މާނަ އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އަންހެނުންގެ މާތްކަމުގެ ވާހަކައެވެ. އެކަލާނގެ ޙަޟްރަތުގައި އެކަނބަލުން ފިރިހެނުންނަށްވުރެ މާތްކުރެއްވި ވާހަކައެވެ. އެކަނބަލުންގެ ޒިންމާތަކުގެ ވާހަކައެވެ. އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމުގެ ވާހަކައެވެ. އަދި އޭނާ ހަރުއަޑުން ނަރަކައިގެ ގަދަފަދަ އަޒާބުގެ ވާހަކަ އަހަރެންނަށް އެއްޗެހި ކިޔާ ބީދައިން ކިޔަން ފަށައިފިއެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ރޮވެން ފެށުނެވެ. ހުއްޓާލުމަށް އޭނާގެ ކައިރީ ގައި އެދުނީމެވެ. ނަމަވެސް އޭނާ އިހުނަށްވުރެ ބާރަށް އެޔާތްތަކާއި، ޙަދީޘްތައް އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ. ކުއްވެރިއެއް ފަދައިން އޭނާގެ ކުރިމަތީގައި އަހަރެން ރޯންފެށީމެވެ. ތަޢުބާވުމަށް ބޭނުންކަމުގައި ބުނަންފެށީމެވެ. ﷲ ގެ ނަން ދުލުކުރިން އެތައް ދުވަހަކަށްފަހު، އެތައް އަހަރަކަށްފަހު، ކިޔަން ފެށީމެވެ. އަދި އެންމެފަހުން އޭނާ އަހަރެންގެ ކޮނޑުގައި ހިފާ ނެގިއެވެ. އަދި އަހަރެންގެ އަތަށް ކޮތަޅެއް ދިނެވެ.

އަދި ފާހާނާއަށް ވަނުމަށް އެދުނެވެ. އަހަރެން އެކޮތަޅު ހިފައިގެން ފާހާނާއަށް ވަނީމެވެ. އަދި އެބަލައިލީމެވެ. އެއާއެކު އަހަރެންނަށް އަނެއްކާވެސް ރޮވެންފެށުނެވެ. މަޑުމަޑުން އޭގައިވާ ހެދުންނަގައި އަހަރެން އެހެދުން ލީމެވެ. (އެއީ ދިވެހިން މިކިޔާކަހަލަ ހައުސްކޯޓް ހެދުމެކެވެ.) އަދި އޭގައިވާ ބުރުގާ ނަގައި އަހަރެންގެ ރަންކުލައިގެ އިސްތަށިގަނޑު ފޮރުވާލީމެވެ. އަދި މަޑުމަޑުން ފާހާނާއިން ނިކުތީމެވެ. އެއާއެކު އަނެއްކާވެސް އަހަރެންނަށް ރޮވެން ފެށުނެވެ. އޭނާ އަހަރެންގެ ކައިރިއަށް އައެވެ. އަދި ބުންޏެވެ. އަހަރެން މިދޭފޮތްތައް ހިފައިގެން ދާށެވެ. މިއޮތީ ތިބާގެ އުޖޫރައެވެ. އޭނާ އަހަރެންގެ އަތަށް 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އަދި ފޮތްތަކެއްވެސް ދިނެވެ. އަހަރެން އެފޮތްތަކުގައި ހިފީމެވެ. އަދި އެކަރުދާހު ނޫޓު ތަކުގައިވެސް ހިފީމެވެ.

އަހަރެން ގެއަށް ދާން ހިނގައިގަތުމުން ބުންޏެވެ. މާދަމާރޭވެސް މިގަޑިއަށް ތިޔަ ހެދުމުގައި، ތިޔަފޮތްތައް ހިފައިގެން އަންނާށެވެ. ތިޔަފޮތްތަކުން ތިބާއަށް ފައިދާ އެއް ވާނޭކަމަށް އަހަރެން އުއްމީދުކުރަމެވެ. އަހަރެން އެފޮތްތަށް ކީމެވެ. ވުޟޫ ކުރުމަކީ ކޮބައިކަން އަހަރެންނަށް އެނގުނީ އަދިއެވެ. ހިނާއިގަންނާނޭ ގޮތްވެސް އެނގުނީ އަދިއެވެ. ނަމާދު ކުރަނީ ކީއްކުރަންކަމާއި، ނަމާދުގައި ކިޔާނޭ ތަސްބީހަތަކާއި، ޒިކުރުތައް އެނގެންފެށިއެވެ.

އަނެއްރޭވެސް އޭނާބުނިގޮތަށް އެގަޑިއަށް އޭނާގެ ކައިރިއަށް ދިޔައީމެވެ. އޭނާ ކަންތައްތައް ކުރީ އެހެންނެވެ. އޭނާ އަހަރެންގެ އަތަށް 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އެކަރުދާހު ނޫޓުތަކުގައިވެސް ހިފީމެވެ. އަދި ގެޔަށް ދިއުމަށްފަހު ފޮތްތަށް މުރާޖާ ކުރުމަށް ބުންޏެވެ. އޭނާ އެބުނިގޮތަށް އަހަރެން ކަންތައް ކުރީމެވެ. މިގޮތުގައި ދެހަފުތާ ފާއިތުވެ ދިޔަ އެވެ.

މިހާރު އަހަރެންނަކީ ބަރާބަރަށް ފަސްވަގުތު ނަމާދުކުރާ ޤުރުއާން ކިޔަވާ، އަންހެން ކުއްޖަކީމެވެ. އޭނާގެ ކައިރިން ސުވާލު ތަކުގެ ޖަވާބު އޮޅުން ފިލުވާ އަންހެން ކުއްޖެއް ކަމުގައި އަހަރެން ވެއްޖައީމެވެ. އެގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔުމަށްފަހު އަހަރެން ފޮތްތަކުގެ ތެރޭގައި ހޭދަކުރި ދުވަހެއްގައި އެންމެ ހެޔޮ އަދި އެންމެ މާތް ކޮއްތަކީ، ތިމާކުރާ ޙަލާލު މަސައްކަތަކުން ހޯދާ ޙަލާލު ފައިސާއިން ގަންނަ ކެއުންކަމުގައި އަހަރެންނަށް އެނގިއްޖެއެވެ.

އެރޭވެސް އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. މިރޭވެސް ދެގަޑިއިރުވަރު ހޭދަކުރުމަށްފަހު ގެޔަށްދާން ހިނގާގަތުމުން އަހަރެންނަށް ފައިސާ ދޭން އޭނާ ގޮވިއެވެ. އަހަރެންގެ އަތަށް އޭނާ 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އަހަރެން އޭގައި ހިފީމެވެ. އަދި އޭނާ އަތަށް އެފައިސާ އަނބުރާ ދިނީމެވެ. އަދި ބުނީމެވެ. އެންމެ ހެޔޮ އަދި އެންމެ މާތް ކޮއްތަކީ، ތިމާކުރާ ޙަލާލު މަސައްކަތަކުން ހޯދާ ޙަލާލު ފައިސާއިން ގަންނަ ކެއުމެކެވެ. ތިބާ ތިޔަ ކޮށްދޭ ޙަލާލުކަން ބޮޑު މަސައްކަތުގެ އުޖޫރަ އަހަރެން ތިބާއަށް ދިނީއެވެ. އޭނާ އެފައިސާގައި ހިފިއެވެ. އަދި ބުންޏެވެ. ތިބާ އަހަރެންނާ ކައިވެނިކުރާށެވެ. ހަމަކަށަވަރުން ވަފާތެރި ފިރިއެއް ކަމުގައި އަހަރެން ވާނަމެވެ. އަދި ތިބާ އަހަރެންނަށް ވަފާތެރި އަނތްބެއް ކަމުގައި ވާނޭކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން އެކަން ޤަބޫލުކުރީ ހެޔޮހިތުންނެވެ. ﷲ އަހަރެންނަށް ތެދުމަގު ދެއްކެވީ އެޒުވާނާ މެދުވެރިކޮށެވެ. އޭނާފަދަ މާތް ފިރިހެނަކަށް ހުރިހާ ފިރިހެނުންވެސް ވާނެނަމައެވެ.

އިތުރަށް ވިދާޅުވޭ...

12.26.2011

ތިބާއަށް އުނިވަނީ ކޮން ނިޢުމަތެއް ހެއްޔެވެ؟

އަލްއުޚްތު އުންމު ޒިވާ
އެއީ މީގެ މަހެއްހާ ދުވަސް ކުރިއެވެ. އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެނި ޙަފްލާއަކަށް ދިޔައީމެވެ. ކާއެއްޗެހި އަޅައިގެން އައިސް މޭޒެއް ކައިރީގައި ވަރަށް ހަމަޖެހިލައިގެން ކާން އިށީނދެއްޖައީމެވެ. އަދި ޝައުޤުވެރިކަމާއެކު ކާއެއްޗެއްސަށް އިންސާފުކުރަން ފަށައިފީމެވެ. ކެއުމުގެ ފޯރި ގަދަވި ހިސާބުން ކުއްލިއަކަށް އެއްލުނު ކަޅިއަކުން ލޮލުގައި އަޅައިގަތީ، އެ ޙަފްލާ އޮތް ހޯލަށް ވަދެގެން އައި ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވަދެގެން ގޮސް އިށީންނަންދެން އޭނާއާ ދިމާއަށް އަހަރެންނަށް ބަލަން އިނދެވުނެވެ.

އެ ކުއްޖާއާ ދިމާއަށް އަހަރެންނަށް ބެލުނީ އެ ކުއްޖާ އާދަޔާ ޚިލާފަށް ރީތިވީމައެއް ނޫނެވެ. އާދަޔާ ޚިލާފަށް ހުތުރުވީމައެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. އާދަޔާ ޚިލާފު ސިފަޔަކަށް ހުރީމައެއް ވެސް ނުމެ ނޫންމެއެވެ. އޭނާއާ ދިމާއަށް ބެލުނީ ﷲ ގެ ކުޅަދުންވަންތަކަން ހިތަށް ވަތްލެއް ބޮޑުކަމުންނެވެ. އެ ކުއްޖާއަކީ ކޮރެއް ޖަހަމުން ހިނގޭ ކުއްޖެކެވެ. އެ ކޮރުގެ ސަބަބުން އޭނާއަށް ހިނގެނީ ވަރަށް ލަސްލަހުންނެވެ. އެހެން ނަމަވެސް ހުރީ މުސްލިމް ފިރިހެނެއް ހުންނަން ޖެހޭނެ އެންމެ ފުރިހަމަ ގޮތަށް ތުނބުޅި ބަހައްޓާ ފައިކުރި ކުރުކޮށްފައެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ލޮލަށް ބޭއިޚްތިޔާރުގައި ކަރުނަ ޖަމާވިއެވެ. އެއީ ހިތާމައާއި ހިތްދަތިކަމާ އުފާވެރިކަން އެކުލެވިގެންވީ ކަރުނައެވެ. އެ ޙާލުގައި ވެސް ﷲ އޭނާއަށް ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރާ ވަރު އޭނާގެ ބޭރުފުށުން ފާޅުވާން ހުރީތީ އައި ކަރުނައެކެވެ.

ދެ ލޮލުގައި ހުރި ކަރުނަ މަޑުމަޑުން ފޮހެލުމަށްފަހު އަނެއްކާވެސް ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުރީ، އަހަރެންނަށް ބޮޑުދައިތަ ކިޔާ ހަމަ އެ އުމުރުފުރައިގެ ކުއްޖެކެވެ. އޭނާ ހުރީ އެންމެ ޒަމާނީ ގޮތަށް ހެދުން އަޅާފައެވެ. އެއިރު ވެސް އޭނާ ހުރީ ﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތުން މަޙުރޫމުވެފައެވެ. މީހާގެ ފައި ބިމުގައި ރަނގަޅަށް ހަރުވެސް ނުލައެވެ. އަނެއްކާ ވެސް ލޮލުން ބޭ އިޚްތިޔާރުގައި އޮހިގަތީ ކަރުނައެވެ. މިފަހަރު މި އޮހެނީ ހަމަ ޔަޤީނުން ވެސް ހިތާމަވެރި ކަމުގެ ކަރުނައެވެ. އޭނާއަށްޓަކައި ހިތުގައި އުފެދުނު ހަމްދަރުދީއަކުން އައި ކަރުނައެވެ.

ތިބާއަށް ﷲ ނުދެއްވަނީ ކޮން ނިޢުމަތެއް ހެއްޔެވެ. ކާން ދެއްވިއެވެ. ބޯން ދެއްވިއެވެ. އަންނައުނު ދެއްވިއެވެ. ބޯހިޔާވަހިކަން ދެއްވިއެވެ. މި ހުރިހާ ނިޢުމަތްތަކެއް އިންސާނާއަށް ދެއްވުމުން ވެސް އެ އިންސާނާ އޭނާ ހެއްދެވި ފަރާތަށް ހަރާންކޯރު އެ ވަނީ ފަހެ ކިހިނެއް ވެގެން ހެއްޔެވެ؟
ކީރިތި ޤުރުއާނުގެ މި އާޔަތަށް ނަޒަރު ހިންގާލާށެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (التكاثر 8) "ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢުމަތްތަކާމެދު ކަނޑައެޅިގެން ތިޔަބައިމީހުންނާ ސުވާލުވެވޭނެއެވެ."

އިތުރަށް ވިދާޅުވޭ...

11.17.2011

ދިރިއުޅުން ބަދަލުކޮށްލި ރޭޑިޔޯ.......

އަލްއުޚްތު އުންމު ޒިވާ
އެއީ މީގެ 2 އަހަރު ކުރިއެވެ. އަހަރެންނަކީ ސިޔާސީ ކަންކަމަށް ފޯރި ހުންނަ މީހަކީމެވެ. އޮފީހުގައި އިންނަ އިރު ވެސް އިންނަނީ އަބަދުވެސް ރޭޑިޔޯ އިން ނަމަވެސް ކޮންމެ ވެސް ސިޔާސީ ޕްރޮގްރާމެއް އަޑު އަހާށެވެ. ހިތަށް ހިތްހަމަޖެހުން ލިބެނީ ސިޔާސީ މީހަކު ދައްކާ ކޮންމެވެސް މޮޅު ވާހަކައެއް އަޑުއަހާލުމުންނެވެ. އެންމެ ފޯރިއާއެކު އަޑުއަހަނީ ރައްޔިތުންގެ މަޖިލިސްގެ ވާހަކަތަކެވެ. ދީނުގެ ތަނބު ކަމުގައިވާ ނަމާދުކުރުމާއި އެހެން ވެސް އަޅުކަންތަކަށް ވުރެ އިސްކަން ދެވެނީ އެފަދަ ކަންކަމަށެވެ. އެފަދަ ސިޔާސީ ޕްރޮގްރާމެއް ނާންނަ ގަޑިތަކުގައި މުޅި ސެކްޝަނުގެ ހުރިހާ އެންމެންނަށް އަޑު އިވޭ ވަރަށް ލަވަ ޖެހުމަކީ އެންމެ ކުރާހިތްވާ އަނެއް ކަމެވެ. އެންމެ ރީތި ލަވަތަކުގެ ކަލެކްޝަނަށް ލަވަ އެއްކުރުމަކީ އަމުދުން މާ ކުރާ ހިތްވާ ކަމެކެވެ.

މި ގޮތުން އޮފީހުގައި އިންނަ ވަގުތުތަކުގައި ރައްޔިތުންގެ މަޖިލީހުގެ އަޑު އަހަން ޖެހެނީ ރޭޑިއޯއިން ކަމަށް ވާތީ، "ރޭޑިއޯ އެޓޯލް" ހެނދުނު ހެނދުނާ އަޅުވަމެވެ. އަދި ހަމަ އެހެންމެ މަޖިލިސް އަންނަ ގަޑި ޖެހެން ވާއިރަށް ސައި ބޮއެ ތައްޔާރުވަމެވެ. ކޮންމެއަކަސް މި ގޮތަށް ކަންތައް ހިނގަމުންދެއެވެ. މަޖިލީސް ފޮނުވާ އިރު އަންނަ ބްރޭކް ގަޑީގައި ވެސް ރޭޑިޔޯ ނިއްވާ ނުލަމެވެ. އެހެނީ މަޖިލިސް ފެށެން ވާއިރަށް ހަނދާން ނެތިގެން ވެސް ނުޖެއްސިދާނެތީއެވެ. މި ގޮތުން ބްރޭކް ގަޑީގައި ފާޑު ފާޑުގެ ދީނީ ސްޕޮޓްކޮޅާއި މަދަހަ ފަދަ ތަކެތި އާދެއެވެ.

މި އެއްޗެއްސަކީ އަޑުއަހަން އެހާ ބޭނުންވާ ޒާތުގެ އެއްޗެހި ނޫން ކަމުގައި ވިޔަސް، މަޖިލިސް އަޑުއެހުމަށް ހުންނަ ޝައުޤެއްގެ ބޮޑު ކަމުން އަޑުއަހަން މަޖުބޫރުވީއެވެ. އެންމެ ކުރީކޮޅު އަޑުއަހަން ފޫހިވި ނަމަވެސް މަޑުމަޑުން އެ ތަކެތި އަޑުއަހާ ހިތްވާން ފެށިއެވެ. ސްޕޮޓްކޮޅުތަކުގެ ތެރޭގައި ތަފާތު އެކި އެކި މައުޟޫޢުތަކާ ގުޅޭ ގޮތުން ޢިލްމުވެރިން ދެއްވާ ފަތުވާގެ އަޑު އިވެއެވެ. އެ ގޮތުން ނަމާދާއި، ރިބާއާއި، އައުރައާއި، މިއުޒިކާއި މިހެން ގޮސް ދީނުގެ އެތައް އެތައް މައުޟޫޢުތަކާ ގުޅޭ ގޮތުން މަޢުލޫމާތު އާދެއެވެ.

މަޑުމަޑުން އެ އިވޭ މަޢުލޫމާތުގެ ސަބަބުން ހިތަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ނަމާދު ނުކުރާ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ވާހަކައާއި ނަމާދަކީ ކޮންމެ މުސްލިމަކު ކޮންމެ ޙާލެއްގައި ވެސް ކުރަން ޖެހޭ އެއްޗެއް ކަމާއި މިއުޒިކް އަޑު އެހުމުގެ ޙުކުމް ފަދަ ވާހަކަތައް އިވެން ފެށުމުން އަމިއްލަ ހިތުގައިވާ އީމާންތެރިކަމާ މެދު ޝައްކު އުފެދެން ފަށައިފިއެވެ. އަމިއްލައަށް އުޅެވޭ ގޮތާ ދޭތެރޭ ވިސްނެން ފަށައިފިއެވެ. ދުނިޔެއަށް ފޮނުއްވި މަޤްޞަދާ ދޭތެރޭ ފިކުރު ކުރެވެން ފަށައިފިއެވެ. މަޖާކުރުމާއި ސަކަރާތް ޖެހުމުގައި ބޭކާރު ވަގުތުތަކެއް ހޭދަކުރެވޭކަން އިހްސާސްވާން ފަށައިފިއެވެ. އަންހެނާގެ އަންހެންވަންތަ ކަމުގެ އިމުން ބޭރުގައި އުޅެވޭކަމުގެ ލަދުވެތިކަން އިޙްސާސްވާން ފަށައިފިއެވެ. ތިމާގެ އައުރަ ނިވާ ނުކޮށް ހިލޭ ފިރިހެނުންނަށް ރީތިކަން ނީލަން ކިޔެނީކަން އެނގި ހިތާމަކުރެވެން ފަށައިފިއެވެ.

މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، 2009 ވަނަ އަހަރުގެ ރަމަޟާން މަސް ބައްދަލުވެއްޖެއެވެ. ހިތުގައި ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިފީމެވެ. އެންމެ ނަމާދެއް ވެސް އޭގެ ފަހުގައި ދޫކޮށްނުލާ ވަގުތު ޖެހުމާއެކު އަވަހަށް ކުރުމުގެ އިޚްލާޞްތެރި ޢަޒުމެވެ. ﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު އެކަން އެ ސާބިތުކަމާއެކު ގޮތުގައި މިއަދާ ހަމައަށް ވެސް ކުރެވެމުން އެބަ ދެއެވެ. މިހާރު ނަމާދު އޭގެ ވަގުތުގައި ނުކުރެވިދާނެ ކަމުގެ ބިރު ހިތުގައި އަބަދު ވެސް އޮވެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން ލަސްނުކޮށް ކޮންމެ ކަމެއްގައި ހުރި ނަމަވެސް އަވަހަށް ކުރުމަކީ އުފަލެއް ކަމުގައި ވެސް ދެކެވިއްޖެއެވެ. ހުރިހާ ވެސް ހިތްހަމަޖެހުމަކާއި އުފަލެއް ލިބެނީ ﷲ ހަނދުމަ ކުރުމުން އެކަނިކަން ޔަޤީންވެއްޖެއެވެ. ފަރުޟު ނަމާދުގެ އިތުރަށް ސުންނަން ނަމާދުތައް ވެސް ކުރުމަކީ އަދި ވަކީން އުފާ ލިބޭ ކަމެއް ކަމުގައި ވެއްޖެއެވެ.

މި ގޮތުގައި ކުރިއަށް ދިޔަ ވަރަކަށް، ރޭޑިޔޯ އެޓޯލް އަޑުއެހުމަކީ ހަމައެކަނި މަޖިލިސް އަޑުއަހަން ގެންގުޅޭ ޗެނަލެއްގެ ބަދަލުގައި ގޭގައާއި އޮފީހުގައި ވެސް ޢާންމުކޮށް އަޑުއަހާ ޗެނަލަކަށް ވެއްޖެއެވެ. އެގޮތުން އަންހެނަކަށް ވީތީ ނިވާކުރަންޖެހޭ ބައިތަކެއް ހުންނަކަމުގެ ވާހަކަތައް އަޑު އިވި އިވި އެ ކަމަށް ވެސް ޙައްލެއް ގެނައުމާ ދޭތެރޭ ވިސްނަން ފަށައިފީމެވެ. އެއިރު އަހަންނަކީ ބުރުގާ އަޅައިގެން އުޅުނު މީހެއް ކަމަކު، އެ ބުރުގާއަކީ ބޮލުގައި ތަތްކޮށްފައި އޮންނަ އެއްޗެއްކެވެ. އަދި ލާ އުޅުނު ހެދުންތަކަކީ ގައިގައި ދަވާދު ލާހެން ލާފައި ހުންނަ ހެދުންތަކެކެވެ.

2009 ވަނަ އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހާއެކު އަހަރެން ލާ ހެދުންތައް ވެސް ބަދަލުކޮށްފީމެވެ. ﷲ އެންގެވި ގޮތަށް އައުރަ ނިވާކުރުމުގެ މަތިވެރި މަޤްޞަދުގައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ކުރަން ޖެހެނީ ﷲ އަށް ޓަކައި ކަން ވިސްނިފައިވާ ޙާލު، އެ ކަން ވެސް ﷲ އަށް ޓަކައި ކޮށްފީމެވެ. ކުރީން ހެދުން ލާހިތްވަނީ ހެދުން ބާރުވެފައި ކުރުވީ ވަރަކުންނެވެ. އެހެން ނަމަވެސް މިއަދު ހެދުން ބާރުވެއްޖެ ނަމަ ލާން ވެސް ނުކެރޭނެއެވެ. އަދި ހެދުން ލެވޭނެ އެންމެ ދިގުކޮށް ލުމަކީ އެންމެ ފުރިހަމަ ހެދުން ހުންނަންޖެހޭ ގޮތްކަން އެނގެއެވެ. ޖަރީކޮށްފައި ހުންނަ ފިރިހެނުންގެ އަޅައިގަންނަ ފަދަ ހެދުން އަމުދުން ލާކަށް ނުކެރެއެވެ.

ލާ ހެދުންތައް ބަދަލުވީ އެކަންޏެއް ނޫނެވެ. އަޑުއަހަމުން ދިޔަ ލަވަތަކާއި މިއުޒިކްތައް އަޑުއެހުން މުޅީންހެން ހުއްޓާލައިފީމެވެ. ޑްރާމާތަކާއި ފިލްމުތައް ބެލުން ހުއްޓާލައިފީމެވެ. އަދި ހަމަ އެހެންމެ ދީނީ އެކިއެކި ވޯރކްޝޮޕްތަކުގައި ބައިވެރިވާން ފަށައިފީމެވެ. މި ހުރިހާ ބަދަލުތަކެއް އަހަރެންނަށް އައި އިރު ވެސް، އަހަރެންގެ ފިރިމީހާއަކީ ދީނަށް ލޯބިކުރާ މީހެއް ކަމުގައި ނުވެއެވެ. ދީނުގައި އަންގަވައިފައިވާ ކަންކަމާ ދޭތެރޭ އެހާމެ ފަރުވާ ކުޑައެވެ. އޭނާއަށް ތެދުމަގު ދައްކަވާތޯ އަބަދާ އަބަދު ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމެވެ. އަދި ގޭގައި ދަރުސް އަޑު އެހުމާއި، އޭނާއަށް އިވޭ ވަރަށް ރޭޑިޔޯ އެޓޯލް ޖަހާފައި ބެހެއްޓުން ފަދަ ކަންކަން ކުރަން ފަށައިފީމެވެ.

ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާނުލާ ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ ފިރިމީހާއަށް ހިދާޔަތް ދެއްކެވުމެވެ. 2010 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ނަމާދެއް ބަރާބަރަށް ކުރަން ފަށައިފިއެވެ. ބޭރުފުށުން ވެސް އޭނާއަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރާ މީހެއްކަން ފެންނަން ފަށައިފިއެވެ. ތުނބުޅި ބަހައްޓާ ފައިކުރި ކުރުކޮށްފިއެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ސުންނަތް ރޯދަ ހިފަން ފަށައިފިއެވެ. ދެ މީހުންގެ 9 އަހަރު ވީ ޒަވާޖީ ޙަޔާތް ދުވަހަކު ވެސް އުފާވެރިނުވާހާ މިންވަރަށް އުފާވެރިވެއްޖެއެވެ.

ދެ މީހުންނަށް ލިބިފައިވާ ދެ ދަރީން ތަރުބިއްޔަތު ކުރުމުގައި ދެ މީހުންގެ ޙިއްޞާ ވެސް އެއްވަރަކަށް އޮވެއެވެ. އިއްޔެއާއި މިއަދުގެ ތަފާތު މި ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. އެ ދުވަހުގެ ހިތްހަމަނުޖެހުމާއި މިއަދުގެ ހިތްހަމަޖެހުމުގެ ފަރަގު މި ދަނީ ތަޖުރިބާ ކުރަމުންނެވެ. ﷲ ގެ މަތިން ހަނދުމަކޮށް އެކަލާނގެ އެންގެވި ގޮތުގައި އުޅުމުން ލިބޭ ހިތްހަމަޖެހުމަކީ، އެހެން އެއްވެސް ކަމަކުން ލިބޭނެ އެއްޗެއް ނޫންކަން މިއަދު ކަށަވަރުވެއްޖެއެވެ. އީމާންކަމުގެ ފޮނި ރަހަ ލިބިއްޖެ ކޮންމެ މީހަކީ ކިހާ ބޮޑު ނިޢުމަތެއްގެ ވެރިއެއްކަން އެނގި ހާމަވެއްޖެއެވެ.

އޭ އެންމެހާ އަޚުންނާއި އުޚުޔުންނޭވެ. މި ދުނިޔޭގެ ވަގުތީ އުފަލާ އަރާމުގައި ޣަރަޤުވެގެން ނުދާށެވެ. މަރުވުމަށްފަހު އޮތް ޙަޔާތަކީ ދިރިއުޅުމުގެ ދާއިމީ ގޮވައްޗެވެ. އެ ގޮވަތީގެ އުފާވެރިމަކާއި ބިރުވެރިކަން ބިނާވުން އޮތީ މި ދުނިޔޭގައި ތިމާ ކުރާ ޢަމަލުތަކުގެ މައްޗަށް ބިނާވެގެންނެވެ. މިއަދު ދުނިޔޭގައި ﷲ އެންގެވި ގޮތަށް އުޅޭ އަޅުންނަށް މާދަމާ އޮތީ ސުވަރުގެއެވެ. މިއަދު ދުނިޔޭގައި ﷲ އެންގެވި ގޮތާ ޚިލާފަށް އުޅޭ މީހުންނަށް މާދަމާ އޮތީ ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ. މި ދެ މަގުން އެއް މަގު ޚިޔާރުކުރުމަކީ އަހަރެންނާއި ތިބާގެ އަތްމަތީގައިވާ ކަމެކެވެ. މާތްﷲ މި އަޅާއާއި އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ނަރަކައިގެ ވޭންދެނިވި ޢަޛާބުން މިންޖުކުރައްވާށި. ރޭޑިޔޯ އެޓޯލްގެ ފަރާތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އާމީން.

ނިމުނީ...

ނޯޓް: މިއީ ޙަޤީޤީ ވާހަކައެއް.

އިތުރަށް ވިދާޅުވޭ...

11.09.2011

ބެލުން ތިރި ކުރުން

އަލްއުޚްތު މުސްލިމާ
ހިތާމައާއެކު ދަންނަވަންޖެހެނީ ދަތުރުތަކުގައިދާ ބައެއް މީހުން އެމީހުން އެދާ ޤައުމެއްގައި އޭނާއަކީ ބީރައްޓެއްސެއް ކަމުގައިވާނަމަ އޭނާ ބޭނުން ދިމާއަކަށް ބަލަންފަށައެވެ. މީގެތެރޭގައި ފާޙިޝް މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކާއި، ހިލޭ އަންހެނުންނާއި، ޙަރާމް ތަންތަނާއި، މުންކަރާތްތައް ހިމެނެއެވެ. އެފަދަ މީހަކަށް އެންމެ މުހިއްމު ކަމަކީ އެކަކަށްވެސް އޭނާގެ ބެލުން ތިރިނުކުރާކަން ނޭނގުމެވެ. އަދި އެކަކަށްވެސް އޭނާ ބަލާތަންތަން ނުފެނުމެވެ.

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى (ޢަލަޤް :14) މާނައީ: ﷲ ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ!

އޭނާ ޓީވީ އެއް ކުރިމަތީ އިށީދެއްޖެނަމަ އޭނާގެ ބެލުން ހުރިހާ ފާޙިޝް މުންކަރާތްތަކާއި ދިމާލަށް ހިނގައިދެއެވެ. އަދި ހުރިހާ ޙަރާމް އެއްޗަކަށް އެއްވެސް އެއްޗެއް ހިތައް އެރުމެއްނެތި ބަލައެވެ. ހަމައެކަނި އޭނާގެ ދެލޮލަށާއި އޭނާގެ އަމިއްލަ ނަފްސަށް އަރާމު ލިބިގަނެއެވެ.

قُلْ لِلْمُؤْمِنِينَ (އައްނޫރް: 30) ނިކަން މިއާޔަތުގައިވާ އުސްލޫބަށް ބަލާލަބަލާށެވެ. ﷲ ޖައްލަވަޢަލާ ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަށް ވަޙީ ކުރައްވަނީ މުއުމިނުންނަށް ޚަބަރު ދެއްވުމަށެވެ.

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ
( މާނައީ: ކަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ.)
ސަބަބަކީ ބެލުން ތިރިނުކުރާނަމަ، އަދި ލޯ ރައްކާތެރިނުކުރާނަމަ ފަރުޖު ރައްކާތެރި ނުކުރެވޭނެއެވެ.

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ( މާނައީ: ކަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ފަރުޖު ރައްކާތެރިކުރާށެވެ.)

ހުރިހާ ކަންތައްތަކެއް ފެށެނީ ނަޒަރުންނެވެ.

ކުރީ ޒަމާނުގައި ބަންގި ގޮވާ މީހެއްގެ(މުއައްޒިން) ވަޒީފާގައި ހުރި ފިރިހެނެއްގެ ވާހަކަ އަޑުއަހާށެވެ. ކުރީ ޒަމާނުގައިނަމަ ބަންގި ގޮވަނީ މިސްކިތުގެ އުސްތަނަކަށް އަރައެވެ. އޭރު އެމީހުން އަތުގައި ސްޕީކަރު އަދި މައިކްރޮފޯން ކަހަލައެއްޗެއް ނުހުރެއެވެ. އެހެންކަމުން މީނާ ކޮންމެފަހަރަކު މިސްކިތުގެ މައްޗަށް އަރާއިރު އެތަނުން ގެއެއްގައި ހުންނަ އަންހެންކުއްޖަކާއި ދިމާއަށް ބަލައެވެ. އަދި އެ އަންހެން ކުއްޖާއަށް ބެލުމުން އޭނާގެ ދެލޮލަށް އަރާމު ލިބިގަނެއެވެ. އަދި އެންމެފަހުން އޭނާގެ ހިތް އެއަންހެންކުއްޖާއާއި އެކުވެއްޖެއެވެ. އޭނާއަކީ މުއައްޒިނަކަށް ވީހިނދުވެސްމެއެވެ. އެހެންނަމަވެސް އޭނާ އޭނާގެ ބެލުން ތިރި ނުކުރެއެވެ.

އެއްދުވަހަކު މި ފިރިހެންމީހާ ތިރިއަށް ފޭބުމަށްފަހު އެއްކަލަ ގޭގެ ދޮރުގައި ޓަކި ޖަހައިފިއެވެ. ޓަކި ޖެހުމުން އެއަންހެން ކުއްޖާ ނިކުތެވެ. އޭނާ އެކުއްޖާއާއި ކައިވެނި ކުރަން ބޭނުން ވާހަކަ ބުންޏެވެ. އަދި ލޯބިވާ ވާހަކަ ބުންޏެވެ. މިހެން ބުނުމުން އެއަންހެން ކުއްޖާ އެކަން ނުވާނެ ކަމުގައި ބުންޏެވެ. ފިރިހެންމީހާ އެއީ ކީއްވެތޯ ސުވާލު ކުރިއެވެ. ސަބަކަކަށް އެއަންހެންކުއްޖާ ބުނީ އޭނާއަކީ މުސްލިމެއް ނޫންކަމުގައެވެ. އަދި އެއީ ނަސްރާނީއެއްކަމުގައި ބުންޏެވެ. އެފިރިހެންމީހާ އެއީ މައްސަލައެއް ނޫންކަމުގައި ބުންޏެވެ. އެއަންހެންކުއްޖާ ނޫނެކޭ ބުންޏެވެ. އަދި ނަސާރާ ދީނަށް ވަނުމަށް ބުނެ، އޭނާގެ ބައްޕަ އެނޫން ގޮތަކަށް ކައިވެންޏާއި ނުރުހޭނެ ކަމުގައި ބުންޏެވެ. އޭނާ އެގޮތަށް އެއްބަސްވެ ނަސްރާނީ ދީނަށް ވަދެ މުރުތައްދުވިއެވެ. އަދި އޭނާ އެގެއަށް އެއަންހެންކުއްޖާއާއި ކައިވެނި ކުރުމަށް ވަނެވެ. އަދި ވަނުމަށް ފަހު ރާ ބުޔެވެ. އަދި ޙަރާމް ތަކެތިން ކެއެވެ.

އެއަށްފަހު އެއްދުވަހަކު އޭނާ އެގޭގެ ފުރާޅު މައްޗައް މަސްތުވެފައިވާ ޙާލު އެރިއެވެ. އެހެންކަމުން އޭނާ އެންމެ މަތިން ވެއްޓި، އޭނާގެ ނަފްސު މިދުނިޔެއިން ވަކިވެގެން ދިޔައެވެ. ނިމިދިޔައީ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދީން ނޫން އެހެން ދީނެއްގައެވެ.

މިކަންތައް ފުރަތަމަ ފެށުނީ ކޮންކަމަކުންހެއްޔެވެ؟ ލޮލުގެ ނަޒަރަކުންނެވެ.
قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ (މާނައީ: ަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ފަރުޖު ރައްކާތެރިކުރާށެވެ. އެއީ އެބައިމީހުންނަށް އެންމެ ޠާހިރުވެގެންވާ ގޮތެވެ.)

ބައެއް މީހުން އިންޓަނެޓަށް ވަދެ އެމީހުންގެ ބެލުންތައް އެކި ދިމަދިމާއަށް ގެންދެއެވެ. ޙަރާމް ކުރެވިގެންވާ ފޮޓޯތަކަށް ބަލާ ހަދައެވެ. އަދި އޮރިޔާން ފޮޓޯތަކަށް ބަލައެވެ. އެންމެ މުހިއްމު ކަމަކީ އެކަކުވެސް (އޭނާގެ ޢަމަލުތައް) ބަލަން ނެތުމެވެ. އަދި އެކަކަށްވެސް ނުފެނުމެވެ.

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى (ޢަލަޤް :14) މާނައީ: ﷲ ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ!
ބައެއްމީހުން ބާޒާރުތަކަށް ގޮސް ކަނާތަށާއި ވާތަށް ހިނގަމުން އެކި ތަންތަނަށް އަދި އެކި އެއްޗެއްސަށް އަދި ފޮޓޯއަށް ބަލައެވެ. އަދި އެކި ފެންނަ އެކި މަންޒަރުތަކަށް ބަލައި އެއިން އުފާ ޙާސިލުކުރެއެވެ.

އޭ ލޮބުވެތި އަޚާއެވެ. ލޮލުގެ ބެލުންތަކަކީ މާދަމާ ﷲގެ ހަޟުރަތުގައި ސުވާލުކުރެވޭނެ ކަމެކެވެ. ޤިޔާމަތް ދުވަހުގައި ތިބާ ވާހަކަދައްކައި އެއަށް ހެކި ދޭނެއެވެ.
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا (އަލް އިސްރާ 36) (މާނައީ: ތިޔަބައިމީހުންނަށް ނޭނގޭ ބަސްތައް ނުބުނާށެވެ. ހަމަކަށަވަރުން އިވުމާއި، ބެލުމާއި، އަދި ހިތާއި މިއިން ކޮންމެ އެއްޗަކާއި މެދު ތިޔަބައިމީހުންނާއި ސުވާލުކުރެވޭ ހުއްޓެވެ.)

ތިބާ އެކަނިވާ ހިނދު އަދި ތިބާގެ ނަފްސު ތިބާއަށް ނުބައިކަންތަކަށް ދައުވަތުދޭހިނދު ވެރިރަސްކަލާނގެ ދެކެދެނެވޮޑިގަތުމާއި މެދު ލަދުވެތިވާށެވެ. ލަދުވެތިވާށެވެ. އަދި އެކަކަށްވެސް ނުފެންނާނޭ ނުބުނާށެވެ. އަދި ﷲގެ ނަޘަރާއި މެދު ލަދުވެތިވާށެވެ. އަދި ނަފްސަށް ބުނާށެވެ. އަނދިރިކަން އުފެއްދެވި އިލާހު (މަގޭ ޢަމަލު) ދެކެ ދެނެވޮޑިގެންވެއެވެ.

السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا (މާނައީ: ހަމަކަށަވަރުން އިވުމާއި، ބެލުމާއި، އަދި ހިތާއި މިއިން ކޮންމެ އެއްޗަކާއި މެދު ތިޔަބައިމީހުންނާއި ސުވާލުކުރެވޭ ހުއްޓެވެ.)
އާނއެކެވެ! ތިބާގެ ބެލުމާމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭ ހުއްޓެވެ.

މިއީ އައްޝައިޚް ނަބީލް އަލް-ޢައުޟީ ގެ ދަރުސް އެއް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

http://www.youtube.com/watch?v=fILbazA5t64&feature=related


އިތުރަށް ވިދާޅުވޭ...

11.04.2011

އަންހެން ދަރީންގެ ބައްޕަ

އަލްއުޚްތު ބިންތު ޢަލީ
މާތް ﷲ ހަމައެކަނި އަންހެން ދަރީން ދެއްވާފައި މީހަކު ވިއެވެ. އޭނާގެ ހަ އަންހެން ދަރީން ތިބެއެވެ. ހަތްވަނަ ކުއްޖަކަށް އޭނާގެ އަނބިމީހާ ބަލިވެ އިނެވެ. އޭނާ ފިިރިހެން ދަރިއެއް ބޭނުން ވެފައިވާލެއް ބޮޑު ކަމުން ހިތަށް އެރިއެވެ. މިފަހަރު ފިރިހެން ކުއްޖެއް ނުލިބިއްޖެނަމަ އަނބިމީހާ ވަރިކުރާނަމެވެ. ދެން އެރޭ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ޤިޔާމަތް ވެގެން އުޅޭ ފަދައަކުން ފެނުނެވެ. ނަމަވެސް އޭނާ ގޮވައިގެން ނަރަކައިގެ ކޮންމެ ދޮރަކާއި ދިމާލަށް ދެވޭއިރު އެދޮރު ބައްދައިގެން އޭނާގެ އަންހެން ދަރިއަކު ހުރެއެވެ. އެގޮތަށް ނަރަކައިގެ ހަދޮރާއި ހަމައަށް ގެންދެވުނެވެ. ކޮންމެ ދޮރެއް ކައިރީގައިވެސް އެދޮރު ބެއްދުމަށްއޭނާގެ އަންހެންް ދަރިއަކު ހުރެއެވެ. ދެން އޭނާ އަށް ހޭލެވިއްޖެއެވެ.
(ނަރަކަ އަކީ ހަތް ދޮރު ވާތަނެެއް ކަމުގައި ކީރިތި ޤުރްއާނުގައި ސާބިތު ވެފައިވެއެވެ.) އެހެންކަމުން އޭނާ އަށް ކުރެވުނު ގަޞްތުގެ ނުބައިކަން ވިސްނި، ތައުބާވިއެވެ. އަދި ހަތްވަނައަށްވެސް އަންހެން ކުއްޖަކު ދެއްވުމަށް ދުޢާ ކުރިއެވެ.

އިތުރަށް ވިދާޅުވޭ...

10.24.2011

އަހަރެންގެ ޙަޔާތް

އަލްއުޚްތު ނިއުމާ ހާރޫން
އަހަރެންނަކީ ރާއްޖެތެރޭގެ ކުޑަ ރަށަކަށް އުފަން އަންހެން ކުއްޖެކެވެ. މަންމައާއި ބައްޕައަށް ލިބިފައިވާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ﷲގެ ރަޙުމަތްފުޅުން އަހަރެންނަށް ތެދުމަގަކީ ކޮބައިކަން އެނގުނެވެ. އަހަރެންގެ އުމުރުން 11 އަހަރުގައި ބުރުގާ އެޅީމެވެ.އަދި އެއަށް ފަހު އުމުރުން 14 އަހަރުގައި އިސްލާމީ ޖިލްބާބުން ނިވާވެ ބޮޑު ބުރުގާ އެޅީމެވެ.

ލަވަޔާއި މިއުޒިކަކީ ހަރާމް އެއްޗެއްކަން އެނގުމުން އެތަކެތި އަޑުއެހުމުން ދުރުހެލިވީމެވެ. ލަވަޔާއި މިޔުޒިކަށް އަހަރެން ނަފުރަތުކުރަމެވެ. އަދި ފިލްމު ބެލުމަށާއި ނިވާކަން ކުޑަ ހެދުން ލުމަށްވެސް ނަފުރަތު ކުރަމެވެ. ޤުރުއާން ކިޔެވުމާއި، ނަމާދުކުރުމާއި ދަރުސްތަށް އަޑު އެހުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ.

އަހަރެން ސްކޫލަށް ޔުނިފޯމް ލައިގެން ދާއިރު އެހެން ކުދިންނާ ތަފާތު ވާނެއެވެ. ބުރުގާ އާއި ޔުނިފޯމްވެސް ބޮޑުވާނެއެވެ. އަހަރެންގެ ކުލާހުގައި އުޅޭ ފިރިހެން ކުދިން އަހަންނަށް ވަރަށް އިޙްތިރާމް ކުރެއެވެ. ކުލާހުގައި އުޅޭ އެހެން އަހެން ކުދިންގެ ގަޔަށް އަތްލާ ފޮށެ އުޅުނަސް ، އަހަރެންނަށް އެއްވެސްކަހަލަ ގޯނާއެއް ކުރިމައްޗެއް ނުވެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. 2007 ވަނަ އަހަރު ސްކޫލުން ކިޔަވާ ނިމުނެވެ. ސްކޫލުން ކިޔަވާ ނިމުނާއެކު އަހަރެން މޫނުބުރުގާ އަޅައިފީމެވެ. ގޭގެ އެއްވެސް މީހެއް މަޖުބޫރު ކޮށްގެނެއްނޫނެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ ދައްތައާއި ތިން ފަހަރިންވެސް ތިބެނީ މޫނު ބުރުގާ އަޅާފައެވެ. އެމީހުންވެސް މޫނުބުރުގާ އަޅާފައިވަނީ އެކަކުވެސް މަޖުބޫރުކޮށްގެނެއްނޫނެވެ. އަމިއްލައަށް ފެނިގެން އަޅާހިތުންނެވެ. މޫނުބުރުގާ އެޅުމުން އަހަރެންނަށް ވަރަށް އުފާވެރި އިހުސާސް ތަކެއް ކުރެވުނެވެ. މަގުމަތީ ގިނަވެގެން އުޅޭ ފިރިހެން ކުދިންވެސް އަހަރެން މަގުން އަންނަތަން ފެނުމުން އެއްފަރާތްވެ އަހަންނަށް ދާނެ ޖާގަ ދައްކައެވެ.ރަށުގެ ގިނަ މީހުންގެ ދުލުން އިވެނީ ތައުރީފުގެ ބަސްތަކެވެ. ރަށު މީހުންގެ އިޚްތިރާމާއި ލޯބި އަހަން ނަށް ވަނީ ލިބިފައެވެ. އަހަރެންނާ އަހަރެންގެ ދައްތަ ނޫނީ ރަނގަޅު އަންހެން ކުއްޖަކު ރަށުގައި ނޫޅޭ ކަމަށް ރަށު މީހުން ބުނެއެވެ.

އިމްތިހާނުގެ ނަތީޖާ ލިބުމުން ވަޒީފާއަކަށް އެދި ސިޓީ ލީމެވެ. ސިޓީލީ ވަޒީފާ ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. އެއީ އޭރު އުމުރުން 18 އަހަރު ނުވާތީ އާއި މޫނުބުރުގާ އަޅާފަ ތިބޭމީހުންނަށް ސަރުކާރުގެ އިދާރާތަކުން ވަޒީފާ ނުލިބޭނެކަން އެނގިފައިވާތީއެވެ. ނަމަވެސް ﷲ އަށް ޙަމަދުހުއްޓެވެ. ހީކުރިގޮތާ ޚިލާފަށް ވަޒީފާ ލިބުނީ އަހަންނަށެވެ. އަހަރެންނަށް ލިބުނީ ރަށު ހެލްތް ޕޯސްޓްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމެވެ. މިތާ އުޅެނީ މުޅިންވެސް އަންހެން މުވައްޒަފުންނެވެ. 31 ޖުލައި 2008 ގައި ވަޒީފާއަށް ނުކުންނަން ފެށީމެވެ. ވަޒީފާގައި އެއް އަހަރުވަންދެން އުޅުނުއިރު ، ވަޒީފާއަށް ގޮސްފައިވަނީ މޫނުބުރުގާ އަޅައިގެންކަން ފަޚުރުވެރިކަމާއެކު ބުނެލަމެވެ. ސަރުކާރުގެ މިކަހަލަ ވަޒީފާއެއް މޫނުބުރުގާ އެޅި އެހެން މީހަކަށް ލިބުނު ކަމެއް އަހަރެންނަށް އެނގިފައެއް ނުވެއެވެ.

ބައެއް މީހުން ހީކުރާ ގޮތުގައި މޫނުބުރުގާ އެޅި މީހުންނަކީ އެއްވެސް އުފަލެއް ލިބިގެން ވާ ބައެއް ނޫނެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީ އެކެވެ. އިސްލާމްދީން ކަނޑައަޅާފައިވާ ހުދޫދުން ބޭރުނުވެ އަހަރެން އުފާކޮށް މަޖާކުރަމެވެ. ގޭގޯތިތެރޭގައި އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނާއެކު ކުޅެ ހަދަމެވެ. އަދި އާއިލާ މެންބަރުންނާއެކު މޫދަށް ދަމެވެ. އަދި ރޭގަނޑު އާއިލާ މެންބަރުންނާއެކު މަސްބާނަންވެސް ދަމެވެ. މީގެ އިތުރުން ހަވީރުގަޑީ ރަޙުމަތްތެރިންނާއެކު ހިނގާލަން ދިޔުންފަދަ ކަންކަން ކުރަމެވެ. މަޖާކުރެވެނީ ހަމައެކަނި ލަވަޔާއި މިއުޒިކް އަޑުއަހައިގެނެއް ނޫނެވެ.

އަހަރެންނަށް ރަނގަޅު މަގު ފެނުމުގެ ކުރިންވެސް އަދި ފަހުންވެސް މީހަކާ ރައްޓެއްސެއް ނުވަމެވެ. ފިރިހެން ކުދިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ އަހަރެން އެއް އިރެއްގައިވެސް ކުރާހިތްވާ ކަމެއްނޫނެވެ. އަދި އެއްއިރެއްގައި ކޮށްފައިވާ ކަމެއްވެސް ނޫނެވެ. އަހަރެންގެ އުމުރުން 18 އަހަރުގައި ކައިވެނި ކުރީމެވެ. އަހަރެންގެ ބޭބެ ހޯދައިދިން ކުއްޖަކާއެވެ. އެކުއްޖާއާއި އަހަރެން ކައިވެނި ކުރީ އެއްވެސް މީހަކު މަޖުބޫރުކޮށްގެނެއް ނޫނެވެ. ހިތުން ރުހުމުންނެވެ. ﷲ އަށް ޙަމްދު ކުރަމެވެ. އަހަންނަށް ލިބުނީ ދީނަށް ލޯބިކުރާ ޞާލިހް ފިރިއެކެވެ. އެކަމުން އަހަރެންގެ ހިތަށް ވަރަށް އުފާވެރިކަން ލިބުނެވެ. ކައިވެނިކުރިތާ އަހަރެއް ނުވަނީސް ލޯބި ލޯބި ކުޑަ އަންހެންކުއްޖެއްލިބިއްޖެއެވެ. ދަރިފުޅު ލިބުމާއެކު އަހަރެންގެ އުފާވެރިކަން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ . އަދި ﷲ އަހަރެންނަށް ދަރިއަކު މިންވަރު ކޮށްދެއްވުމުން އެކަލާންގެއަށް ހާސް ފަށުން ޝުކުރު ދެންނެވީ މެވެ. މިހާރު އަހަރެން އަހަރެންގެ ފިރިމީހާއާއި ލޯބިވާ ދަރިފުޅާއެކު މިއުޅެނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ.

އަހަރެން އަބަދުވެސް މި މަސައްކަތް ކުރަމުންދަނީ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ހުރެވޭ ތޯއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅުން އެދެނީ ނަރަކައިގެ ޢަޒާބުން ސަލާމަތްވެ ، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުމެވެ. އަހަރެންނަށް އެއްރެއަކު ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެނިފައިވަނީ އަހަރެން ސުވަރުގޭގައި ވާ ބޮޑު ގަހެއްގެ ހިޔަލުގައި އަރާމާއި އުފަލުގައި އިންތަނެވެ. އަހަރެން މި މަސައްކަތް ކުރަނީ އަހަރެންނަށް ފެނުނު ހުވަފެން ޙަގީގަތަކަށް ހެދުމަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާޙު، އިބަ ﷲ އަށް ކިޔަމަންވެގެންވާ ޙާލުގައި މެނުވީ މިއަޅާގެ ފުރާނަ ނުހިއްޕަވާންދޭވެ.! އާމީން!

_______

ނޯޓް: މިއީ ޙަގީގީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އިތުރަށް ވިދާޅުވޭ...

9.29.2011

ކޮންމެ ހާލެއްގައިވެސް ތިބާގެ ދީން ރައްކާތެރިކުރާށެވެ

އަލް އުޚްތު އުއްމުފުޟެއިލް
ޖުންދުބް ބިން އަބްދުﷲ އަލް ބަޖަލީ (ރަހިމަހުﷲ)ގެ އަރިހުން ނަސޭހަތަކާއި އިރުޝާދަކަށް މީހަކު އެދުނެވެ. އެހިނދު އެކަލޭގެފާނު އެމީހާޔާ މުޚާތަބު ކޮށް ދެންނެވިއެވެ:

"ތިބާ ﷲއަށް ބިރުވެތި ވުމަށާ ތަޤްވާ ވެރިވުމަށް ތިމަންކަލޭގެފާނު ނަސޭހަތްތެރިވަމެވެ. އަދި ޤުރުއާނުގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވަމެވެ. އެހެނީ ޤުރުއާނަކީ ރޭގަނޑުގެ އަނދިރީގައި ނޫރެކެވެ. އަދި ދުވާލުގައި އެއީ މަގުދެއްކުމެކެވެ

އެހެންކަމުން ތިބާޔަށް ކިތަންމެ ބޮޑު އުދަގުލެއް އަދި ފަޤީރުކަމެއް ތަހައްމަލު ކުރަން ޖެހުނުކަމުގައި ވިޔަސް އޭގައި ގަދަޔަށް ހިފަހައްޓާށެވެ.

ތިބާއަށް މުސީބާތެއް ކުރިމަތިވެއްޖެނަމަ، ތިބާގެ ދީން ހިމާޔަތް ކުރުމަށްޓަކާ ތިބާގެ މުދާ ހޭދަކުރާށެވެ. އަދި އެ މުސީބާތް ދެމިގެންދާނަމަ ތިބާގެ މުދަލާއެކީ ތިބާގެ ފުރާނަވެސް ދީނަށްޓަކައި ޤުރުބާން ކުރާށެވެ. (ކޮންމެ ހާލެއްގައިވެސް ދީން ރައްކާތެރި ކުރާށެވެ.) ފަހެ ވީރާނާ ވެގެންވާ މީހަކީ އޭނާގެ ދީން ވީރާނާކޮއްލި މީހާއެވެ. އަދި ބަނގުރޫޓު ވެފައިވާ މީހާއަކީ އޭނާގެ ދީން ނަގާލެވިފައިވާ މީހާއެވެ. އަދި ދަންނާށެވެ. ސުވަރުގެޔަށް ދާމީހާ އަށް ފަޤީރުކަމެއް ނުވެއެވެ. އަދި ނަރަކަޔަށް ދާމީހާއަށް މުއްސަނދި ކަމެއް ނުވެއެވެ."

މިއީ ދިސަލަފިއްޔާ ސައިޓުން ނަގާފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ...

9.22.2011

ބެލުން ތިރި ކުރި މީހެއް

އަލްއުޚްތު މުސްލިމާ
އެއްދުވަހެއްގައި ޞާލިޙު މީހަކު އޭނާގެ ދަރިވަރަކާއި އެކީ ގެއަކަށް ގޮސް ކެއެވެ. އަދި ކައިނިމުމަށްފަހު އެ ދަރިވަރު އުސްތާޛާއެކު ނިކުމެއްޖެއެވެ. އަދި އެދަރިވަރު ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. ފިރިހެނުންގެ އަތް ދޮވުމަށްޓަކައި އަންހެނުން ފެން އަޅާ ދިނުމީ ރީތި ގޮތެއް ނޫނެވެ. އެމީހުން ކައި ނިމުމުން ގޮސް އަތް ދޮވުނިމަ ވީ ނޫން ހެއްޔެވެ." އަންހެނުން ފިރިހެނުންގެ އަތް ދޮންނަން ފެން އެޅުން އެދަރިވަރަށް ޢައިބަކަށްވިއެވެ. އެހިނދު އުސްތާޛު ބުންޏެވެ. " އަހަރެން މިގެއިން ކާތާ 10 އަހަރަށް ވުރެ ގިނަވެއްޖެއެވެ. އެހެންނަމަވެސް އެފެން އަޅަނީ އަންހެނެއްކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެއެވެ."

މީހަކު އޭނާގެ ބެލުން ތިރިކޮށްފިނަމަ 3 ކަމަކުން ރައްކާތެރިކަންލިބިދެއެވެ. އެއީ ޙަރާމް ތަންތަނަށް ބެލުމުން ތިބާގެ ލޯ ސަލާމަތްވެއެވެ. އަދި އޭނާގެ ދުލުގައި ﷲ ޙިކުމަތްތެރިކަން ލައްވައެވެ. އަދި ޤިޔާމަތް ދުވަހުން އޭނާގެ މައްޗައް އެއްވެސް މީހެއްގެ ދަރަންޏެއް ނޯންނާނެއެވެ. ސަބަބަކީ ތިބާ ކޮންމެ ފަހަރަކު މުސްލިމެއްގެ ޙުރުމަތްތެރިވެގެންވާ ތަނަކަށް ބަލައިފިނަމަ، ތިބާގެ ހެޔޮ ޢަމަލުތަކުން ބައެއް ނަގާލެވޭނެއެވެ. އަދި އެ ހަމަހަމަކޮށް ބަހާލެވޭނެއެވެ.

ޙާތިމް އަކީ މެދުކެނޑުމެއްނެތި 30 އަހަރަށްވުރެ ގިނަދުވަސް ވަންދެން ޝަޤީޤުލް ބަލްޚީގެ އަރިހުގައި ދީން ކިޔެވުމަށް ހޭދަކުރެއްވި ބޭކަލެކެވެ. 30 އަހަރު ފާއިތުވިފަހުން އެއްދުވަހަކު އެގެއަށް މީހަކު އައެވެ. އައުމުން ޝަޤީޤުގެ އަނބިކަބަލުން ދޮރު ހުޅުވިއެވެ. އަދި އެނބުރި ދިއުމުން ގެއަށް އައީ ކާކުތޯ އެއްސެވެ. އަނބިކަނބަލުން ޖަވާބު ދެއްވީ އެއީ ތިބާގެ ލޯފަން އެކުވެރިޔާ ކަމަށެވެ. އެހިނދު ޝަޤީޤު ވިދާޅުވީ އެބޭފުޅާގެ އެއްވެސް ލޯފަން ރަޙުމަތްތެރިއެއް ނުހުންނާނެ ކަމަށެވެ. އެއަށްފަހު ބޭރަށް ނިކުތުމުން ފެނިވަޑައިގަތީ ޙާތިމެވެ. އަދި ޙާތިމަށް ދެންނެވިއެވެ. އަހަރެންގެ އަނބިމީހާ ހީކުރީ ތިޔައީ ލޯފަން މީހެއް ކަމަށެވެ.

30 އަހަރު ވަންދެން އޭނާގެ ރަޙުމަތްތެރިޔާގެ ގެއަށް ޒިޔާރަތްކޮށް އުޅުނު އިރުގައި އޭނާގެ ރަޙުމަތްތެރިޔާގެ އަންހެނުން ހީކުރީ އެއީ ލޯފަން މީހެއް ކަމުގައެވެ.

އިސްލާމްދީނުގައިވާ ޤަޟިއްޔާއަކީ "ފަރުވާ އަށް ވުރެ ރައްކާތެރިވުން މޮޅެވެ." އެހެންކަމުން ތިބާ ގެއެއްގެ ދޮރުގައި ޓަކި ޖެހުމަށްފަހު ދޮރަށް ފުރަގަސްދީގެން ހުންނާށެވެ. އަދި އެގޭގެ ކަނާތް ފަރާތުގައި ހުރެ ސަލާމް ގޮވާށެވެ. އަދި އެއީ ކާކުތޯ އެހިއްޖެނަމަ ނަން ބުނާށެވެ.

ނަބީ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅުގެ ދޮރުކޮޅުގައި މީހަކު ޓަކި ދިނެވެ. އެހިނދު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ކާކު؟" ޖަވާބު ދެވުނެވެ. "އަހަރެން." އެހިނދު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އަހަރެން، އަހަރެން." އެކަލޭގެފާނު އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވިހެން ދޭހަވާ ކަހަލަ ގޮތަކަށެވެ.
"އަހަރެން" އެގޮތަށް ބުނީ އިބްލީހެވެ. އޭނާ ބުނީ : (أَنَا خَيْرٌ مِنْهُ) މާނައީ: އޭނާ (އެބަހީ އިބްލީސް) ބުންޏެވެ. އަހަރެން އޭނާ (އާދަމްގެފާނު) އަށްވުރެ ހެޔޮވެގެންވެއެވެ."

އެހެންވީމާ ނަން ބުނާށެވެ. އެވެނި މީހެއްގެ ދަރި އެވެނި މީހެކެވެ. އަދި ދޮރު ހުޅުވާފައި އެތެރެއަށް ވަނުމަށް ދަޢުވަތު ދިނުމުން މަޑުމަޑުން (އަވަސް އަރައި ނުގަނެ) ދާށެވެ. އަދި ދެވަނަ ފަހަރަށް ވަންނަން ބުނުމުން ވަދެ މަޑުކުރާށެވެ. އަދި ގޭގެ ވެރިމީހާ ތިބާއަށް އިށީންނާނެ ތަނެއް ދެއްކުމުގެ ކުރިން ނީށީންނާށެވެ. މިއީ އަދަބުތަކުގެ ތެރެއިންވާ ކަންކަމެވެ.

އިތުރަށް ވިދާޅުވޭ...

5.21.2011

ޝަރުޠުކުރި ކައިވެނި

އަލްއުޚްތު ބިންތު ޢަބްދުﷲ ޢަބްދުލްޣަނީ
ކައިވެނިކުރަން ބޭނުންވެފައިވާ ވަރަށް ރީތި އަންހެނަކު ވިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ވަރަށް ހެޔޮލަފާ ތަޤްވާވެރި ފިރިއެއްކަމުން، ކޮންމެދުވަހަކު ހަތިމެއްކުރާ، މުޅި އަހަރު ދުވަހު ރޯދަ ހިފާ އަދި ކޮންމެ ރެއަކު ހޭލާހުރެ ﷲއަށް އަޅުކަންކުރާ މީހަކާ އޭނާ ކައިވެނިކުރާނޭ ކަމަށް ބުންޏެވެ.

އެއީ ރީތި އަންހެނެއްކަމުން ވަރަށް ގިނަ ފިރިހެނުން އޭނާގެ ކައިވެންޏަށް އެދިއެދި ތިއްބެވެ. ނަމަވެސް އޭނާ ކަނޑައަޅާފައިވާ ކަންކަން ނުކުރެވޭނެތީ އެމީހުން ހަމަހިމޭނުން ތިއްބައި، ފިރިހެނަކު ކުރިއަށްޖެހި އޭނާއަށް އެކަން ކުރެވޭނޭކަމަށް ބުންޏެވެ. އެހެންކަމުން އިމާމްމީހާ އެދެމީހުންގެ ކައިވެނިކޮށްދިނެވެ. ކައިވެނީގެ ފުރަތަމަރޭ ފާއިތުވެގެންގޮސް އަނެއްރެއަށް އެޅި އިރުވެސް އަނބިމީހާއަކަށް އޭނާގެ ފިރިމީހާ ޤުރުޢާން ކިޔަވާތީވެސް، ރޯދަ ހިފާތީވެސް އަދި ރޭގަނޑު ހޭލާހުރެ ﷲ އަށް އަޅުކަންކުރާތީވެސް ނުފެނެއެވެ. މިކަންކަން ބަދަލުވޭތޯ ދެތިން ހަފްތާއަކު މަޑުކޮށްލުމަށް އަނބިމީހާ ނިންމިއެވެ. ނަމަވެސް އޭނާގެ ފިރިމީހާގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުމުން ކޯޓަށް މައްސަލަ ހުށަހަޅާ ވަރިވުމަށް އެދުނެވެ.

އެދެމީހުން ޤާޟީގެ އަރިހަށް ހާޟިރުކުރެވުމުން ޤާޟީ އެއްސެވިއެވެ. "ކައިވެނީގެ ޝަރުތުތަކަކީ ކޮބާހެއްޔެވެ؟" ފިރިހެންމީހާ ޖަވާބުދިނެވެ. "އެއީ އަހަރެން ކޮންމެ ދުވަހަކު ޚަތިމެއް ކުރުމަށާއި، މުޅި އަހަރުދުވަހު ރޯދަ ހިފުމާށާއި ކޮންމެ ރެއަކު ހޭލާހުރެ ﷲއަށް އަޅުކަންކުރުމެވެ." ޤާޟީ އެއްސެވިއެވެ. "ކަލޭ އެކަންކަން ފުރިހަމަކުރަން ހެއްޔެވެ؟" އޭނާ ބުންޏެވެ. "އާއެކެވެ." ޤާޟީ ވިދާޅުވިއެވެ. "ކަލޭ ތިހަދަނީ ދޮގެވެ. ކަލޭ އެއްވެސް ކަމެއް ނުކުރާކަމުގައި ކަލޭގެ އަނބިމީހާ އެބަބުނެއެވެ. އޭނާ ވަރިވުމަށް އެ އެދެނީވެސް އެހެންވެގެންނެވެ."
ނަމަވެސް ފިރިހެންމީހާ އޭނާ އެކަންކަން ކުރާކަމުގައި ތަކުރާރުކޮށް ބުނަމުންދިޔައެވެ. އެހެންކަމުން ޤާޟީ އެއްސެވިއެވެ. "ކަލޭ ކޮންމެ ދުވަހަކު ޚަތިމެއް ކުރަން ހެއްޔެވެ؟" ފިރިހެންމީހާ ޖަވާބުގައި ބުންޏެވެ. "އާއެކެވެ." ގާޟީ ހައިރާންވެވަޑައިގެންފައިވާފަދަ ރާގެއްގައި އެއްސެވިއެވެ. "ކިހިނެއް ހެއްޔެވެ؟ ކަލޭ އެކަންކަން ކުރަނީ ކިހިނެއް ހެއްޔެވެ؟" ފިރިހެންމީހާ ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ. "އަހަރެން ކޮންމެ ދުވަހަކު ސޫރަތުލް އިޚްލާސް ތިން ފަހަރު ކިޔަވަމެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާގޮތުން ސޫރަތުން އިޚްލާޞްއަކީ ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައެވެ. (އެހެންކަމުން ތިންފަހަރު ކިޔެވުމުން ކީރިތި ޤުރުއާން އެއްކޮށް ކިޔެވުނީއެވެ)"

ޤާޟީ ވަރަށް ހައިރާންވެ ލެއްވިއެވެ. އަދި އެއްސެވިއެވެ. "މުޅި އަހަރު ދުވަހު ރޯދަ ހިފަނީ ކިހިނެއް ހެއްޔެވެ؟" އޭނާ ޖަވަބުގައި ބުންޏެވެ. "އަހަރެން ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފަމެވެ. އަދި ޝައްވާލު މަހުގެ ހަރޯދަ ހިފަމެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާ ގޮތުން ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފުމައްފަހު ޝައްވާލު މަހުގެ ހަރޯދަ ހިފައިފިމީހާ މުޅި އަހަރުދުވަހު ރޯދަހިފި ފަދައެވެ."

ޤާޟީ ވަރަށް ހަމަހިމޭންވެ އިންނެވިއެވެ. އަދި އޭނާ އެބުނާ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެކޭ ބުނެވޭކަށް ނެތް ކަންވެސް ޤާޟީއަށް އެނގިލައްވައެވެ. އެހެންކަމުން އެންމެ ފަހުން ޤާޟީ އެއްސެވިއެވެ. " ކަލޭ މުޅިރޭ ހޭލާހުރެ ﷲއަށް އަޅުކަންކުރަނީ ކިހިނެއް ހެއްޔެވެ؟" މިސުވާލުގެ ޖަވާބު ނުދެވޭނެ ކަމަށް ޤާޟީ ހީފުޅު ކުރެއްވިއެވެ. ނަމަވެސް ފިރިހެންމީހާ ކުރިއަށްވުރެވެސް ހަމަޖެހިލުމާއެކު ޖަވާބު ދިނެވެ. "އަހަރެން ކޮންމެ ދުވަހެއްގެ އިޝާ ނަމާދާއި ފަތިސް ނަމާދު ކުރަނީ ޖަމާޢަތުގައެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާގޮތުން ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭ ﷲއަށް އަޅުކަންކުރުމުގައި ހޭލާހުރިފަދައެވެ."

ޤާޟީ ޙައިރާންވެގެން އެމީހާޔާދިމާއަށް ބައްލަވަން އިންނެވިއެވެ. އަދި އެންމެ ފަހުގެ ހުކުމް އިއްވަމުން ވިދާޅުވިއެވެ. "ދާށެވެ. ދާށެވެ. ތިޔަކައިވެނީގައި އެއްވެސް މައްސަލައެއް ނެތެވެ."

އިތުރަށް ވިދާޅުވޭ...

2.04.2011

ފެށިގެން ނިމެންދެން ކިޔާލާށެވެ

އަހަރެން ދުނިޔެއަށް ފުރަތަމަ ނޭވާއެއްލީ ބާރަށް ރޮއެގަންނަމުންނެވެ. މުޅި ދުނިޔެއާއި މުޅި ދުވަހުން ހަމަހިމޭންކަމުގެ މައްޗަށް ހަލަބޮލިކަން ވެރިވަމުން އައި ތެތްފިނި ފަތިހެއްގައެވެ. އެދުވަހެއްގެ ޛިކުރާތަކާއި ޙާދިޘާތަކުގެ މަށްޗަށް މިއަދު ހިރުފަސް އެޅި، ވަޅުޖަހާ ގެއްލިފައިވާ ދުވަހެއްގައެވެ. އަހަރެން ވަށައިގެންނާއި، ތިރިންނާއި މަތިން، ކުޅަދުންވަންތަ ކަލެއްގެ ކުޅަދުންވަންތަ ކަމާއި ޤުދުރަތްތެރިކަން ހާމަ ވެވޭ ހުއްޓެވެ. ގަސްގަހާގެހީގެ ފެހިކަމާއި އެގަސްތަކުގައި އަޅަމުންދާ މޭވާތަކުންނެވެ. އިރުހަނދާ ތަރިތަކުންނެވެ. އިރު އޮއްސުމާއި، އަލިވިލުމުންނެވެ. ވާރެއާއި އަވިންނެވެ. ހިމުން ދޮންވެލިގޮނޑުދޮށްތަކުންނާއި އެ ގޮނޑުދޮށްތަށް ހިމާޔަތްކުރާ މާސިންގާ ފަރުތަކުންނެވެ. ގޮނޑުދޮށަށް ބީއްސަމުންދާ އަދި ފަރަތަކަށް މުގުރަމުންދާ ރާޅުތަކުންނެވެ. ކަނޑާއި އެ ކަނޑުން ލިބެމުންދާ ރޯދިންނެވެ. އެހުރިހާ ދިމާޔަކުންވެސް ހާމަވަނީ އިންސާނާ ނުކުޅެދޭކަން ކަށަވަރުކޮށްދޭ ކުޅަދުންވަންތަކަމެވެ. ހުދު އަހަރެންގެ އުފެދުމާއި، ހެދި ބޮޑުވަމުންދާ ހަށިގަނޑުންވެސް މެއެވެ.
ކޮންމެއަކަސް އިރުއަރާ އޮއްސެމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔަ ދިޔަހެން އަހަރެންވެސް ކިރުތުނބުން ވީއްލި، މައިންބަފައިންގެ ލޯތްބައި، އަޅާލުމާއި، އޯގާތެރިކަމާއެކު ދުޅަހެޔޮ ޞިއްހަތާއި ޢާފިޔަތުގައި ބޮޑުވަމުން ދިޔައެވެ. މައިންބަފައިންގެ ފަރާތުންނާއި މުދައްރިސުންގެ ފަރާތުން ތަޢުލީމާއި، ތަރުބިއްޔަތު އަހަރެންނަށް ލިބެމުން ދިޔައެވެ. ޢަމުރުތަކާއި ނަހީތަށް ކިޔައިދެވުނެވެ. ކުރަންވީކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންތައްތައް ބުނެދެވުނެވެ. ބީރައްޓެހިންނާއި ރައްޓެހިވެވި، ނުދަންނަ މީހުން ދެކެފަރިތަ ވަމުން ދިޔައެވެ. ދުނިޔެއަށް ލޯހުޅުވެވި، އިޖުތިމާޢީގޮތުން ހޭލުންތެރިވަމުން ދިޔައެވެ. މީހާ ފުރިހަމަ މީހަކަށް ވަމުން ދިޔައެވެ. މިއީ ހަނދާނުން ފިލުވާލަންދަތި ، ހަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ.
ދުނިޔެގެ ކަންކަން އެނބުރެމުން ސެނބުރެމުން ރޭދުވާ ބަދަލުވުން ތަކުރާރުވަމުން ދިޔައެވެ. އަހަރެންވެސް ހަޔާތުގެ ތޮށަލި ދުޅައިގެ އުޞޫލުން އަޑިގަނޑުތަކާއި ، އުސްގަނޑުތަކުން ހިނގަމުން ދިޔައީމެވެ. މިހާރު އަރެންނަކީ ނޫކަށި ފުރައިގެ ޒުވާނެކެވެ. ފުރާވަރުން ޢަލްވަދާއު ކިޔަމުން ދިޔަ ދުވަސްވަރުގައި ލޯބިވާ މައިންބަފައިން އެކަކަށްފަހު އަނެކަކު ދާދި ކައިރީގައި ދުނިޔެއާއި ޢަލްވަދާއު ކިޔައިފިއެވެ. ލިބުނު ބޮޑު ހިތާމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލުއި ވެއްޖެއެވެ. ހަނދާނުގެ ކަސިޔާރުކަމާއި ނުސިޔާރު ކަމުންނެވެ. މިތަންވަޅު ނިކަން ހިތްވަރު ކޮށްފައި، އަމިއްލަ ފައިމައްޗަށް ތެދުވީމެވެ. ދުނިޔޭގެ އެތަން މިތަނުން ސަނަދުތަކާއި ފާސްތައް އެއްކޮށް ތަޢުލީމީގޮތުން ޤާބިލުމީހަކަށްވީމެވެ. އެގޮތް މިގޮތުން މުދަލާއި ފައިސާ ހޯދައި ޤަދަރުހުރި މުއްސަންޖަކަށް ވީމެވެ. ޒަވާޖީ ގުޅުމެއްފަށައި ކުޑަކުޑަ ޢާއިލާއެއް ބިނާ ކުރީމެވެ. ހުރިހާގޮތުންވެސް މުޖްތަމައަށް ބޭނުންތެރި މީހަކަށް ވީމެވެ. އަހަރެންނަކީ ލިބޭ މިންވަރަށް ޝުކުރުކުރާ އަދި ލިބޭ އެއްޗަކުން ފުދި އިތުރުވާ މީހެކެވެ. ހަޔާތުގެ މިދައުރުގައި ހުރިހާ ރަހައެއްލައެވެ. މުނިފޫހިފިލުވުމާއި، މަޖަލެވެ. އުފަލާއި އަރާމެވެ. ބަރުކަމާއި ވަރުބަލިކަމެވެ. ހިތްދަތިކަމާއި ހިތާމައެވެ. ކާމިޔާބާއި ނާކާމިޔާބެވެ.
ކޮންމެ އެއްޗެއް ފުރިހަމަ ވުމަށްފަހު ދެން އެއަށް އަންނަން ފަށަނީ އުނިކަމެވެ. މި އުސޫލުން އަހަރެންވެސް ދެބައި އުމުރު ފަހަނަޅައި ޒުވާންކަން އޮއްސި ހަށިގަނޑުގެ އާރާއި ބާރު، ގެއްލިއްޖެއެވެ. ކުރުގޮތަކަށް ބުނާނަމަ މުސްކުޅި ވެއްޖެއެވެ. ކާފަ، މުނިކާފަ ދަރިން ދުށުމުގެ އުފާ ޙާޞިލްވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ބަލިބޮޑުވެ، ހޮސްޕިޓަލަކީ ޢާއްމުކޮށް ވަދެ ނުކުމެ އުޅޭ ތަނަކަށް ވެއްޖެއެވެ.އަހަރެންގެ ނިމުމަކީ މި ދުވަސްވަރުގެ ނިމުމެވެ. "
މިއަދު އަހަރެންގެ ވަގުތީ ހަޔާތް ނިމި ދާއިމީ ހަޔާއް ފެށުނީއެވެ. ހުދުފޮތިން އަހަރެން ކަފުން ކުރެވުނެވެ. މިއަދު އަހަރެންގެ މުދަލާއި، ފާސްތަކާއި، ތަޖްރިބާއާއި އަނބިދަރިން ދޫކޮށް އަހަރެންގެ އަސްލުކަމަށްވާ ވެލީގެ ދާނަށް ރުޖޫޢަވަނީއެވެ. އަހަރެންގެ ސަންދޯއް އެއާއި އެއްވަރުގެ ހަނި ވަޅަކަށް ތިރިކުރެވުނެވެ. އަބަދުގެ އަބަދަށެވެ. އެއްމެން އަހަރެންގެ ވަޅަށް ފަސް އަޅަމުން ދިޔައެވެ. އެއްމެ ގާތް ރަޙުމަތްތެރިންނާ ލޯބިވާ މީހުންވެސް މެއެވެ. އެއަށްފަހު ސަހަރާއަށް އަހަރެން އެކަނި ދޫކޮށްފައި އެއްމެން ދިޔައެވެ. ފަސްއެނބުރި ބަލައިލީވެސް މަދުމީހެކެވެ.
އަހަރެން ހަޔާތް ފެށިގެން ނިމުނީއެވެ. އެއް ދުވަސް ފާއިތުވިލެއް އަވަހެވެ.އަހަރެންނަށް ދުވާލަކު ލިބުނީ ހަމަ 24 ގަޑި އިރެވެ. ދުވަހަކު 3/1 ގައި ނިދަމެވެ. އެއީ 8ގަޑި އިރެވެ. އަހަރެންގެ އުމުރަކީ 70 އަހަރެވެ. އެއީ ގާތްގަނޑަކަށް 25000 ދުވަހެވެ. ގާތްގަނޑަކަށް އުމުރުގެ 8000 ދުވަސް ވަންދެން އޮތީ ނިދާފައެވެ. ބާކީ ދިރި އުޅުމަށް ލިބުނީ 7000 ދުވަހެވެ. ތިބާގެ އުމުރަކީވެސް 70 އަހަރު ކަމަށް އުއްމީދު ކުރަށްވަން ތޯއެވެ. އެހެންކަމަށްވާނަމަ ތިބާގެ ލޯ ދެންޖަހާނޭ އެސްފިޔަ ޖެހުމާ ހަމަޔަށް ދުނިޔޭގައި ހުންނާނެ ކަމުގެ ކިތައް ޕަސެންޓް ޔަޤީންކަން ތިބާގެ އަމިއްލަ ނަފުސަށް އެބައޮތްތޯއެވެ؟

އިތުރަށް ވިދާޅުވޭ...

12.21.2010

އަހަރެން އިސްލާމްދީނާ ކައިރިއަށް ގެނެސްދިނީ ޙިޖާބެވެ

އަލްއަޚް ޢަބްދުﷲ ޝާކިރު މުޙައްމަދު
އަހަރެންނަކީ ނަޞާރާއިންގެ ތެރެއިން ދީންވެރި އަންހެނަކީމެވެ. ކޮންމެ އާދީއްތަ ދުވަހަކު ނަޞާރާދީން ކިޔަވައިދޭ މަދަރުސާއަށާއި ފައްޅިއަށް އަހަރެންގެ މަންމައާއިއެކު ގޮސްއުޅެމެވެ. އަހަރެންނަށް އެމީހުން ތަކުރާރުކޮށް ކިޔައިދިންގޮތުގައި ޢީސާގެފާނަކީ ކަލާންގެ ދަރިކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެފައިވަނީ އަހަރުމެންގެ ކުށްތަކަށް ދެވޭ ކައްފާރާއެއްގެގޮތުގައި ސޮލީބަށް އެރުވިގެންނެވެ. އެދުވަސްވަރު އަހަރެންނަކީ ކުޑަކުއްޖެއްކަމުން އެކަމާމެދު އެއްވެސްވަރަކަށް ނުވިސްނަމެވެ. އެމީހުން ދެއްކި ކޮންމެ ވާހަކައެއް ޤަބޫލުކޮށްގެން ހުރީއެވެ.
ޅަފަތުގެ މިދުވަސްތައްނިމި ހައިސްކޫލްގެ ދުވަސްތައް ފެށުމާއެކު ބައިބްލްގައިވާ ކަންތައްތަކާއިމެދު އަހަރެން ސުވާލުކުރަންފެށީމެވެ. މިގޮތުން ޢީސާ އަލައިހިއްސަލާމަކީ އެމީހުން އެބުނާގޮތަށް ކަލާނގެ ދަރިކަލެއްނަމަ އަދި އެހާބާރުގަދަ ބޭނުންކޮންމެކަމެއްކުރެވޭނޭ ފަރާތެއްނަމަ ޚުދު އެކަލޭގެފާނު އަމިއްލަފުޅަށް އިންސާނެއްގެ ސިފައިގައި ބިމަށް ވަޑައިގެން އިންސާނުންނަށް ތެދުމަގުދެއްކެވުމަށް މަސައްކަތްކުރެއްވީ ކީއްވެބާވައެވެ. އަދި ހަމަ އެހެންމެ ޢީސާގެފާނަށް ކަލެއްކަމާއި ކަލެއްގެ ދަރިކަލެއްގެ ލަޤަބު އެއްފަހަރާދިނުމާއި ތިންކައުވަންތަކަމަކީ އަހަރެންގެބުއްދި ޤަބޫލުކުރާކަމެއްކަމުގައި ނުވިއެވެ. އަދި އެކަމާއިމެދު ތަކުރާރުކޮށް ހިތުގައި ވަހުމު ހިނގަމުންދިޔައެވެ.

އެހެންނަމަވެސް ކަލާނގެއާއި ބެހޭގޮތުން ސުވާލުނުކުރުމަށް ބުނެފައިވާތީ މިކަންތައްތަކާއިމެދު ތަކުރާރުކޮށް ސުވާލުކުރާކަށް އަހަރެންނަކަށް ނުކެރެއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި އުފެދެމުންދިޔަ މި ޝައްކުތަކުގެ ސަބަބުން ޢީސާއީ ދީނާމެދު އަހަރެންގެ ހިތުގައި އީމާންތެރިކަން ނެތްކަމަށް ހީކުރެވެންފެށިއެވެ. އަދި މިކަމާއިމެދު އިތުރަށް ވިސްނުން ހުއްޓާލާ ޤަބޫލުނުކުރެވޭހާލުގައި އެދީނުގެ އުޞޫލުތަކަށް ތަބާވަމުން ދިޔައީމެވެ. އެގޮތުން ކަލާންގެއާއި ކުއްތަންވުމަށް އަހަރެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް އަހަރެން ކުރީމެވެ. ކޮންމެ ދުވަހަކު ދެފަހަރު ބައިބްލް ކިޔާ ކޮންމެ ރެޔަކުވެސް ދުޢާކޮށްހެދީމެވެ. އެހެންނަމަވެސް އަހަރެން މިދުޢާކުރަމުން ދިޔައިރު އެދުޢާގެ އަޑު އެއްވެސް ފަރާތަކަށް ނީވޭކަމުގެ އިޙްޞާސް އަހަރެންނަށް ކުރެވިގެންދެއެވެ. އަހަރެންގެ ދުޢާގެ އަޑު ރައްދުވަނީ ހަމަ އަހަރެންގެ އަމިއްލަ ނަފްސަށެވެ. އެހެންނަމަވެސް އެގޮތުގައި ދެމިހުރީމެވެ.

އަހަރެންގެ ހައިސްކޫލް ހަޔާތުގެ ފަހު އަހަރު އޮޕްރާގެ ޝޯއެއް އަހަރެންނަށް ފެނުނެވެ. އެޝޯގައި ބައިވެރިވެފައިވަނީ މުސްލިމް އަންހެނެކެވެ. އެޝޯ ބަލަމުންދިޔައިރު އަހަރެންނަށް ބަލަމުންދެވުނީ އޭނާގެ ބޯ ނިވާކޮށްފައިވާ ސްކާފަށެވެ. އަދި އޭނާ ނުވަތަ އެހެނިހެން މުސްލިމް އަންހެނުން އެފަދަ ސްކާފަކުން ބޯނިވާކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުއުފެދެންފެށިއެވެ. ޚަބަރުފަތުރާ ވަޞީލަތްތަކުން މުސްލިމު އަންހެނުންނާއިމެދު ތަފާތު ގޮތްތަކަށް މުޚާތަބުކޮށްފައިވެއެވެ. އެބައިމީހުންނަކީ އަޅުވެތިވެފައިވާބައެއްކަމުގައި ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އަހަރެން އެމީހުންނާމެދު އެފަދައިން ނުދެކެވެ. މަތިންދާ ބޯޓަކުން މުސްލިމް އަންހެނެއް ފެނިއްޖެނަމަ ހިތައްއަރަނީ "ޓެރަރިސްޓް" މިހެންނެވެ.

ކޮންމެއަކަސް މިދެންނެދި އޮޕްރާ ޝޯއިން މިފެނުނު ސްކާފް އެޅި އަންހެންމީހާ ފެނުމުން އެކަމަށް އަޅުގަނޑުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ. އަދި އިންޓަނެޓް މެދުވެރިކޮށް މުސްލިމް އަންހެނުންނާއިބެހޭ މަޢުލޫމާތު ހޯދަން ފެށީމެވެ. އެގޮތުން އެ ސްކާފަށް އެމީހުންކިޔަނީ ހިޖާބުކަން އެނގުނެވެ. މިއީ އަހަރެން ޝައުޤުވެރިކުރުވި ކަމެކެވެ. އަދި ކޮންމެގޮތަކުންވެސް އަހަރެންގެބޮލުގައި އެއެޅުމަށް އަހަރެންބޭނުންވިއެވެ. އެކަމަކު އެކަމަކީ ނަސާރާދީނުގެ މީހެއްގެ ހައިސިއްޔަތުން މީހުންގެ މަލާމާތްލިބުމުގެ އިތުރުން މޮޔަ ޚިޔާލެއްކަމަށް އަހަންނަށް ވިސްނުނެވެ. މިކަމުގައި އަލިމަގެއް ފެނޭތޯ އަހަރެން ބައިބްލް ހޯދަންފެށީމެވެ. ބައިބްލްގައި އަންހެނުން ބޯނިވާކުރުމަށް އިރުޝާދުދީފައިވޭތޯ ބެލީމެވެ. މިފަދައިން ހޯދުނު ހޯދުންތަކުން ބައިބްލްގައިވެސް މިކަމަށް ގޮވާލާފައިވާކަން ފެނުނެވެ. އަހަރެން މިހުރިހާކަމެއް ކުރުމުގެ މަޤްޞަދަކަށްވީ މުސްލިމް އަންހެނުންނެކޭ އެއްފަދައިން ނިވާވުމެވެ. އެއިރު މުސްލިމުންނާބެހޭ އެއްވެސް މަޢުލޫމާތެއް އަހަރެންނަށް ލިބިފައި ނުވިނަމަވެސް ހިޖާބާއިބެހޭ ގިނަ މަޢުލޫމާތުތަކެއް އަހަރެން ހޯދީމެވެ.

އަހަރެން މަޑުމަޑުން އިސްލާމްދީނާއިބެހޭ ވާހަކަތަށް ހޯދަންފެށީމެވެ. އަހަރެންނަށް އިސްލާމްދީން އުނގަންނައިދޭ ކަންތައްތަކުގައި ބުއްދިޤަބޫލުކުރާ ކަންތައްތަކެއް ވާކަން ފާހަގަކުރެވުނެވެ. އަދި މަޑުމަޑުން އެކަންތައްތައް ޤަބޫލުކުރެވި، އެކަމާ އަހަރެން ބިރުގަންނަންފެށިއެވެ. އެބިރުވެރިކަން ބޮޑުވެގެން ދިޔައީ އަހަރެން ކުރިން ޤަބޫލުކުރަމަށް ދަސްކޮށްދީފައިވާ ގޮތްތަކާއި ޚިލާފަށް އިސްލާމްދީނުގައިވާ ކަންތައްތައް އަހަރެންނަށް ޤަބޫލުކުރެވެންފެށުމުންނެވެ. އެހެންނަމަވެސް އަހަރެންގެ ހިތުން އަހަރެންގެ ނަފުސަށް ބުނަމުން ގެންދިޔައީ އަހަރެންގެ ކަލާނގެ އަހަރެން އިމްތިޙާން ކުރައްވަނީ ކަމުގައެވެ އަދި އިސްލާމްދީނަކީ ހަޤީޤަތެއް ނޫންކަމުގައެވެ. އެހެނީ އޭރު އަހަރެން އިސްލާމްދީން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ބޭނުންވީ އަހަރެން އެދީނަކާމެދު އަހަރެންގެ ހިތުގައި އެއްވެސް އީމާންތެރިކަމެއްނެތްނަމަވެސް ވަފާތެރިކަމާއެކު ކްރިސްޓިއަނެއްގެގޮތުގައި ހުރުމަށެވެ.

ދަސްވެނިވުމަށްފަހު އައި ބަހާރުމޫސުމުގައި އަހަރެން ނަސާރާދީނުގެ އެއްވެސް ކަމެއް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ނަސާރާދީނުގެ ބައިބްލް ކޭމްޕެއްގައިވެސް އަހަރެން ބައިވެރިވީމެވެ. އެތަނުގައި އުޅުނުކުދިން އަހަރެންގާތު ކަލާންގެއާއި އަދި ޢީސާގެފާނާއި ބޮޑަށް ގާތްވެ ކުއްތަންވެވޭނީ ކިހިނެތްތޯ ސުވާލުކޮށްހަދައެވެ. އެކަމަކު އަހަރެންނަކަށް އެސުވާލަކަށް ޖަވާބެއް ނުދެވެއެވެ. މި ސުވާލާއިމެދުގައި އަހަރެންގެ ހިތުގައި އަރާރުންވާން ފެށިއެވެ. "ކަލާނގެއާއި ޢީސާގެފާނު" މިއީ އެއްފަރާތެއް ބާވައެވެ؟ ނުވަތަ ނޫންބާވައެވެ؟

އަހަރެން ކޮލެޖަށް ދާން ފެށުމާއި ހަމައަށް އަހަރެން ދީނާމެދު ނުވިސްނަމެވެ. ކަލަކުވޮޑިގެންވާކަން ޤަބޫލުކުރަމެވެ. އެހާހިސާބުން ދީނީ ވިސްނުން ނިންމާލަނީއެވެ. ދެން އަހަރެންނަށް ވިސްނަންފެށުނީ ހަޤީޤީ ކަލަކީ ކޮބާބާވައެވެ؟ މިސުވާލާމެދުގައެވެ. މިސުވާލަށް ޖަވާބުހޯދުމަށް ވިސްނާވިސްނާ ބައެއްފަހަރު އަހަރެންނަށް ރޮވެއެވެ. ސިކުނޑި ސުމަކަށް ދެއެވެ. ކޮލެޖްގެ ފުރަތަމަ ހަފުތާތަކުގައި އަހަރެން އިސްލާމްދީނާއި ބެހޭ އިތުރު މަޢުލޫމާތުތައް ހޯދަން ފެށީމެވެ. އެއީ އަހަރެންގެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ކުރެވެންފެށިކަމެކެވެ. އަހަރެން އެދީނާއިމެދު ވިސްނަން ބޭނުންނުވި ނަމަވެސް އަހަރެންނަށް އިސްލާމްދީނާއިމެދު ވިސްނެންފެށިއެވެ. މިގޮތުން އިންޓަނެޓުން އަހަރެންނާއި ދިމާވި މުސްލިމް ފިރިހެންކުއްޖަކާއި އަހަރެން ޗެޓްކުރަންފެށީމެވެ. އަހަރެން އޭނާއަށް އަހަރެންގެ ވާހަކަތައް ކިޔައިދިނީމެވެ. އަދި އޭނާ އަހަރެންނަށް ޝަހާދަތްކިއުމަށް އެހީތެރިވެދިނެވެ. އަހަރެން އެކަންކުރީ ވަކި އެއްޗެއް ހިތުގައި އޮވެގެނެއް ނޫނެވެ. އަދި އަހަރެން އެކިއުމަކުން އެއްވެސް އިތުރުކަމެއް އިޙްސާސެއްވެސް ނުކުރެވެއެވެ. މިއީ އަހަރެން ޝަހާދަތްކީ ފުރަތަމަ ފަހަރެވެ. ދެވަނަ ފަހަރު އަހަރެން ޝަހާދަތް ކީ އަމިއްލައަށެވެ. މިފަހަރު އަހަރެންނަށް އިތުރު އިޙްސާޞްތަކެއް ކުރެވުނެވެ.

ކްލާސްތައްފެށި ސްކޫލަށް ދާންފެށުމުން ބުރުގާއަޅާ ނިވާވެގެންހުރި މުސްލިމް އަންހެން ކުއްޖަކު ކެމްޕަސްތެރެއިން ފެންނަންފެށިއެވެ. އެކަމާ އަހަރެން ވަރަށް ހައިރާންވިއެވެ. އެހެނީ އަހަރެން ކިޔަވަންދާ ޔުނިވަރސިޓީއަކީ އަމިއްލަ ކްރިސްޓިއަން ޔުނިވަރސިޓީއެކެވެ. މިގޮތުގައި ދުވަސްކޮޅެއް ވުމަށްފަހު އަހަރެން އެއްދުވަހު އެ އަންހެންކުއްޖާއާއި ބައްދަލުކޮށް އަހަރެން އިސްލާމްދީން ޤަބޫލުކުރިކަމުގެ ޚަބަރުދިނީމެވެ. އަދި ދެންކުރިއަށްދާނީ ކިހިނެތްތޯ އެކުއްޖާގާތު އަހަރެން ސުވާލުކުރީމެވެ. ދެމީހުންގެ މެދުގައި ގިނަ ވާހަކަތަކެއް ދެކެވުމަށްފަހު ދެމީހުން ދެމީހުންގެ ފޯންނަމްބަރު ދިނީމެވެ. އަދި އޭނާ އަހަރެންނަށް މުޅިންއާ މުސްހަފެއް ދިނެވެ. މިހުރިހާކަމެއް ހިނގަމުންދިޔައީ ކޮންދުވަސްވަރެއްގައިކަމެއް އަހަރެންނަކަށް ކުރިއަކުން ނޭނގެއެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެއީ ރަމަޟާންމަހެވެ. 29 ސެޕްޓެމްބަރ 2008 ވަނަ ދުވަހެވެ. ކުރިން މިދެންނެވުނު އަންހެން ކުއްޖާއާއި އޭނާގެ މައިންބަފައިން އަހަރެން އެމީހުންނާއިއެކު މިސްކިތައް ގެންދިއައެވެ. އަދި އެތަނުގައި އަނެއްކާވެސް އަހަރެން ޝަހާދަތްކީމެވެ. މިފަހަރު އިމާމެއްގެ ކުރިމަތީގައެވެ. މިސްކިތުގައި ހުރި އަންހެންމީހާ ހުރީ ވަރަށް އުފަލުންނެވެ. ޚާއްޞަކޮށް އެއީ ރަމަޟާންމަހަށް ވީތީއެވެ. އިމާމާގެ ކުރިމަތީގައި މިގޮތުގައި ޝަހާދަތް ކިޔުނުހިނދު އަހަރެންނަށް ރޮވުނެވެ. އަހަރެންގެ ހިތަށް މިފަދަ ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބެއެވެ. އެރޭ ވެގެންދިޔައީ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު އެންމެ އުފާވެރި ރޭކަމުގައެވެ. އެރޭގެ އިޙްޞާސްތައް އަހަރެންނަށް ބުނެދޭންވެސް ނެނގެއެވެ.

އަހަރެންނަށް މި ނިންމުނީ އަހަރެންގެ ހަޔާތުގައި އަހަރެންނަސް ނިންމޭނޭ އެންމެ މުހިންމު އެންމެ ރަނގަޅު ނިންމުމެވެ. މި ނިންމުމާއެއްފަދަ ނުވަތަ އެއަށްވުރެ ބޮޑު ނިންމުމެއް އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް އިރާދަކުރެއްވިއްޔާ ނިންމާކަށްނުޖެހޭނެއެވެ. އަހަރެންގެ ރަޙްމަތަތެރިންވެސް އެކަން ޤަބޫލުކުރެއެވެ. އަދި އަހަރެންގެ އާއިލާވެސް އެކަން ޤަބޫލުކުރެއެވެ. އެހެންނަމަވެސް އަހަރެން ކަންބޮޑުވާންޖެހުނު ކަމަކީ އަހަރެން ކުރިން އެތަނަކަށް ޤަވާއިދުން ދަމުންދިޔަ ފައްޅީގެ މީހުންނާއި ކުދިން ކިޔާނީ ކީކޭބާވައެވެ. އެމީހުން އަހަރެންގެ ނުބައިވާހަކަދައްކާނެއެވެ.
ﷲ އަށް ހަމްދުހުއްޓެވެ. މިހާރު އަހަރެންނަކަށް އަހަރެންގެ ހަޔާތާއި ވިސްނުމާއި ފިކުރު އޮޅުންބޮޅުންވެފައިވާތީ ނުފެނެއެވެ. ހުރިހާކަމެއްވެސް މާތްﷲ ގެ ދީލަތި ރަޙްމަތާއި ބަރާކަތުން ދަނީ ރަނގަޅުވަމުންނެވެ. އަދި އިރާދަކުރެއްވިއްޔާ އެގޮތުގައި ދެމި ހުންނާނެއެވެ.


އިތުރަށް ވިދާޅުވޭ...